މީހަކު އެއްދުވަހަކު ޢިމްމްވެރިއަކާއިއެކު ގޮސް ވަންއިރު އިވެނީ ކޮޓަރީގައި އޮވެގެން ކުޑަދަރިފުޅު ރޯއަޑެވެ. ސިޓިންރޫމްގައި އިން ކުއްޖާގެ މާމަގެ ގާތުގައި ކުއްޖާގެ މަންމަ ކޮބައިތޯ ސުވާލުކުރުމުން ބުނީ ކައިރީ ފިހާރައަކަށް ގޮސް ކަމަށެވެ.
ޢިލްމްވެރިޔާ ސުވާލުކުރެއްވީ ކުއްޖާ ރޯއަޑު
ތިބާއަށް ނުއިވެނީތޯއެވެ! އޭނާގެ ޖަވާބަކަށްވީ ނުއިވޭ ކަމަށެވެ. ޢިލްމްވެރިޔާ ބިދާޅުވިއެވެ. މިހައި މަޑުން ދެކެވޭ ވާހަކަ އަޑުއިވިފައި އެކުއްޖާ އެހައިބާރަށް ރޯއަޑު ނުއިވޭނަމަ ތިބާގެ ކަންފަތަށް ޝައިޠޯނާ އެވަނީ އުނގުރިއެއް ޖަހާފައެވެ. އަވަހަށް އެއުނގުރި ނައްޓައިލާށެވެ! ނޫނީ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ.
މިކަން ހިނގިތާ މަހެއްހައި ދުވަސްވެސް ނުވަނީސް މާމަގެ ކަންފަތް ބީރުވާން ފެށިއެވެ. އެކަމުން ސަލާމަތްވެވުނީ ބޭސްފަރުވާ ކުރުމުގެ އިތުރުން ތައުބާވެ ދުޢާކުރަމުން ގެންދާތާ އެތައް ދުވަހަކުންނެވެ.
ޙަދީޘްފުޅުތަކުން އެނގެން އޮތްގޮތުގައި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކުޑަކުދިންނާއި ސަމާސާ ކުރެއްވެވިއެވެ. އެކުދިން ހިނިތުން ކުރައްވަވަން މަސައްކަތްޕުޅު ކުރެއްވެވިއެވެ. ދުވަހަކުވެސް ކުއްޖެއްގެ ހިތުގަ ޖެހޭނެ ނުވަތަ ދެރަވާނެ ކަމެއް ކުރައްވަވާފައެއް ނުވެއެވެ.
ކުޑަކުދިން ރުޅިއެރުވުމާއި ރޮއްވުމަކީ ބައެއް މީހުން މަޖަލަކަށް ހަދައިގެން ފޫހިފިލުވަންވެސް ކުރާ ކަމެކެވެ. މިފަދަ ކަންކަމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އެފަދަ ކަންކަން ކުރުމުން ކުދިން އަޚްލާޤަށް އެކަމުގެ ނޭދެވޭ އަސަރުކުރެއެވެ. އެކުދިން އެހެން ކުދިންނަށް އެފަދަ ކަންކަން ކުރެއެވެ. ރަޙުމްކުޑަވެއެވެ. ބޮޑުވުމުން ލިބޭ ދަރިންނަށްވެސް އެފަދަ ގޮތްތައް ހަދައެވެ.
ނިކަން ވިސްނައިލަބަލާށެވެ! ކުޑަކުދިން
ރުއްސުމަށްޓަކައިވެސް ދޮގުހެދުންވެސް ވަނީ ޙަރާމްކުރައްވަވައިފައެވެ. ވީއިރު އެކުދިން ރުޅިއަރުވައި ރޮއްވަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
ކުޑަކުދިން ރުޅި އަރުވައި ރޮއްވައި ހެދީމާ އެކުދިންނަށް ޤަބޫލުކުރެވޭނީ އެއީ ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށެވެ. އެހެންކަމުން އެއީ ކުރުނަ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަނެވި އެކަން ކުރެވެން ފަށަނީއެވެ. ނަތީޖާއަކަށްވަނީ ގެއަށް އަންނަ އެހެންކުދިންނާއިމެދުގައިވެސް އެފަދައިން ޢަމަލުކުރެވުމެވެ. ސްކޫލަށް ގޮސްފައިވެސްމެއެވެ.
ވީމާ މިއީ ބެލެނިވެރިންނާއި އަދި އެހެން މީހުންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން