ކޮވިޑަށްފަހު އިސްލާމްދީނަށް ލިބުނު ކުރިއެރުންތަކުގެ ތެރެއިން ވުޟޫކުރުމާ ގުޅުންހުރި ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކޮވިޑަށްފަހު އިސްލާމްދީނަށް ލިބުނު
ކުރިއެރުންތަކުގެ ތެރެއިން ވުޟޫކުރުމާ ގުޅުންހުރި ބައެއް ކަންކަން-

 

ކޮވިޑުގެ ސަބަބުން މީސްތަކުންނަށް ލިބުނު ފިލާވަޅުތައް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި ސާފުތާހިރުކަމާއި ގިނަ ވަޤުތު ގޭގައި ހޭދަކުރުމާއި ޚަރަދުކުޑަކުރުން ފަދަ އެތައް ކަމެއް ހިމެނެއެވެ. މިފަދަ ހުރިހާ ކަންކަމަކީވެސް އިސްލާމް ދީނުގައި ހުރި މުހިންމު ކަންކަމެވެ.

ކޮވިޑަށްފަހު އިސްލާމް ދީނަށް ލިބުނު ކުރިއެރުންތަކުގެ ހަނދާން އައުކުރަންވާނެއެވެ. އެގޮތުން މިލިޔުމުގައި ހަނދާން އައުކޮށް މިލަނީ ވުޟޫކުރުމެވެ. ކާފިރުން ބަލައިނުގަންނަނީ ވުޟޫ މިނަމެވެ. ނަމަވެސް ވުޟޫކުރަން މުސްލިމުން ކުރާ ކަންކަން ބަލައިގަނެ އެގެންދަނީ ޢަމަލުވެސް ކުރަމުންނެވެ.

ވުޟޫކުރަން ފަށަން ސުންނަތުގައި އޮތީ 2 އަތްތިލަ ދޮވުމުންނެވެ. ދޮންނަން ޖެހެނީވެސް ދެ އިނގިލި ދޭތެރެވެސް ސާފުކުރުމާއިއެކުގައެވެ. އަތްތިލައިގައި އެއްވެސް ހަޑިކަމެއް ނުހުންނާނެ ގޮތަށެވެ.  

ކޮވިޑަށްފަހު މުޅި ދުނިޔެވެސް މިއަދު ފާހަގަކުރަނީ ގިނަގިނައިން އަތްދޮވުމުގެ މުހިންމުކަމެވެ. އިސްލާމް ދީން އެކަން މިވަނީ މާކުރިން ފާހަގަކޮށްފައެވެ.  

ވުޟޫކުރާއިރު އެންމެ ފުރަތަމަ ދެއަތްތިލަ ދޮވުމުން އަނގައާއި މޫނަށް ފެންލާއިރު އަތްތިލައިން ވާނީ ހަޑިކަން ނުވަތަ ޖަރާސީމުތައް ފިލުވައިލެވިފައެވެ. ސާފުތާހިރުކުރެވިފައެވެ. މިއަދު ޑޮކްޓަރުން އެބުނަނީ މޫނުގައި އަތްލުމުގެ ކުރިން އަތްތިލަ ދޮވުމަށެވެ. ސާފުތާހިރު ކުރުމަށެވެ.  

ވުޟޫކުރުމުގައި އަނގައާއި މޫނު ދޮންނަމުއެވެ. ނޭފަތަށް ފެންލައި ފެންދަމައި ބޭރުކޮށް ނޭފަތް ސާފުކުރަން ޖެހެއެވެ. ދެލޯވެސް ސާފުކުރަމުއެވެ.  

ޑޮކްޓަރުން މިއަދު އެ ބުނަނީ ޖަރާސީމުތައް ހަށިގަނޑަށް ވަންނަނީ އަނގައާއި ނޭފަތާއި ލޮލުން ކަމަށެވެ. ވުޟޫކުރުމުގައި މިހުރިހާ ގުނަވަންތަކެއް ސާފުކޮށް ދޮންނަން ޖެހެއެވެ.  

ހަމައެކަނި މި މިންވަރަށް ބަލައި ވިސްނައިލި ނަމަވެސް އިސްލާމް ދީނުގެ މަތިވެރިކަމާއި ސަލާމަތް ޞިއްހަތެއްގައި ހުރުމަށް އިސްލާމް ދީން މަގުފަހިކޮށްދީފައިވާ މިންވަރު އެނގިގެންދާނެއެވެ! ގިނަގިނައިން ވުޟޫކުރަން އިސްލާމް ދީން ބާރުއަޅާފައިވަނީ ކީއްވެގެންކަން އެނގިގެންދާނެއެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން