ބުރިޖު ހައިވޭގައި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ބުރިޖު ހައިވޭގައި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދީފި

ސިނަމާލެ ބުރިޖު ހައިވޭގައި ޤާނޫނީ ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި، އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާއެއް ހިންގައިފިއެވެ. މިއީ މަގުމަތީގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން މިހާރު ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނަށް ހުރަސްއެޅުމުގެ ގޮތުން ގަސްތުގައި ދީފައިވާ ހަމަލާއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ވަނީ ވިދާޅުވެފައެވެ.

ރޭ ފަތިހު 04:29 ހާއިރު ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ޤާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ހިނގި މި ހާދިސާގައި، ސައިކަލުން ޖެއްސުމުގެ ސަބަބުން ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތްތައް ބިނދި އިތުރު ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ސީޕީ އާއްމު ކުރެއްވި ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، ގާތްގަނޑަކަށް ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި އައި މި ސައިކަލު ވަނީ މަގުމަތީގައި ޖަހާފައިވާ ބެރިކޭޑްގައި ޖެއްސުމަށްފަހު، ޑިއުޓީގައި ހުރި ފުލުސް މީހާގެ ގައިގައި ސީދާ ޖައްސާފައެވެ. މި ހާދިސާ ހިނގި ވަގުތު އިތުރު 3 ސައިކަލެއްވެސް ބައިވެރިވެފައިވާކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަމަލާދިން ސައިކަލު ޓޯކޮށް، އެ ސައިކަލުގައި ތިބި ދެ މީހުންގެ އިތުރުން، މިކަމުގައި ޝާމިލުވާ އިތުރު ދެ މީހަކާއި ސައިކަލެއް ލޮކޭޓްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސީޕީ ވިދާޅުވީ މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ އޮފިސަރުން ނަފްސާނީގޮތުން ބަލިކަށިކޮށް، ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. ނަމަވެސް، ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ މިފަދަ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ސީޕީ ދެއްވިއެވެ.

އަދި ފުލުހުންގެ މަސައްކަތްތައް ހުއްޓުވުމަށް ހިންގާ މިފަދަ ކަންކަމުގެ ސަބަބުން އޮޕަރޭޝަން މެދުނުކެނޑި ކުރިއަށްދާނެ ކަމަށާއި، ޤާނޫނީ ހަމަތަކުގެ މަތިން މިފަދަ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން