ނަމާދަށް އިހްމާލްނުވާންވީ އެންމެ ބޮޑު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ނަމާދަށް އިހްމާލްނުވާންވީ އެންމެ ބޮޑު ސަބަބު!


ނަމާދަކީ ދީނުގެ ތަނބުކަމަށް ޢިލްމްވެރިން ބަޔާންކުރައްވަނީ އެތަނބު ނެތްނަމަ ދީނުން އެމީހަކު ބޭރުވެގެންދާތީއެވެ. އެހެންކަމުން އަހުރެމެންގެ މައްޗަށް އޮތް އެންމެ މުހިންމު ވާޖިބަކީ ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމެވެ.

"ތިމަން ކަލޭގެފާނު ޤަބޫލުފުޅު ކުރައްވަވާ ގޮތުގައި އެންމެ މުހިންމު ކަމަކީ ނަމާދުކުރުމެވެ. ފަރުޟު 5 ނަމާދުކުރާ މީހާ އޭނާގެ އީމާންކަން ހިމާޔަތްކޮށް ނަގަހައްޓައިފިއެވެ. އަދި ނަމާދަށް ފަރުވާކުޑަކުރާ މީހާ އީމާންކަމުގެ އެހެން ބައިތަކަށް ފަރުވާ ކުޑަކުރާނެ ކަމަށް ޤަބޫލުފުޅު ކުރެއްވެވެއެވެ." 

މިއީ އީމާންވުމަށްފަހު އެންމެ މުހިންމު ކަމަކީ ފަރުޟު 5 ނަމާދު އަދާކޮށް ތިމާއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއެއްކަން ޢަމަލުން ދެއްކުންކަން ބަޔާން ކުރައްވައި ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައެވެ.

ޙަޤީޤަތަކީ މިއީއެވެ. މީހާގެ އިސްލާމްކަމުގެ މައި ތަނބަކީ ނަމާދެވެ. ނަމާދު ފުރިހަމައަށް އަދާކުރުމުން އެ މުގުރައިލަނީ އެމީހާގެ އީމާންކަމާއި އިސްލާމްކަމެވެ. އަޅާ އާއި ކާފިރުކަމާއި ދެމެދުގައި ވަނީ ނަމާދު އަޅައިފުން ކަމަށް އޮތުމުން މިބުނި ބަހަށް ދަލީލު ލިބިގެންދެއެވެ.   

ކޮންމެ ޙާލެއްގައިވެސް ނަމާދުކުރާށެވެ! ހަށީގައި ހޭހުރެ ނަމާދެއް ދޫކޮށްނުލާށެވެ! ރަސޫލް (ﷺ) ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުގައި އުޅުއްވެވިއިރު ޙާލުކޮޅު ބޮޑުވެ ހޭފުޅު ނެތިވަޑައިގަންނަވަމުން ދިއައިރު ވެސް ނަމާދުކުރައްވަވަން ބޭނުންފުޅުވެވަޑައިގެންނެވިވަރުން އެހެން މީހުން ލައްވައި ހަށިކޮޅަށް ފެންފޮދު އަޅުއްވަވައިގެން ވެސް ނަމާދު ކުރައްވަވަން ކުރެއްވެވި މަސައްކަތްޕުޅު ހިތަށް ގެންނާށެވެ! ދެ ޞަޙާބީންގެ ކޮނޑުފުޅުގައި އެލިވަޑައިގެން އޮންނަވައިގެންވެސް މިސްކިތްކޮޅަށް ވަޑައިގަންނަވަން ކުރެއްވެވި މަސައްކަތްޕުޅު ހަނދާނަށް ގެންނާށެވެ!  

މިކަންކަމަކީ ނަމާދުކުރުމާއި ނަމާދަށް މިސްކިތަށް ދިއުމުގެ މުހިންމުކަން އުންމަތަށް ބަޔާންކޮށްދެއްވެވުމަށް ކުރެއްވެވި ކަންކަން ކަމުގައި އަހުރެން ދެކެމެވެ.  

ކަންމިހެން އޮތްއިރު ދިމާވާ ކޮންމެވެސް ކަމެއް ބަހަނާއަކަށް ދައްކައި ނަމާދު އަޅާ މީހާ ޤިޔާމަތް ދުވަހު ﷲ ތަޢާލާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ދެއްކެން އޮންނާނީ ކޮން ޢުޒުރެއް ހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުޠުންނޭވެ! އާޚިރަތް ދުވަހު ސަލާމަތްކަން އެދޭނަމަ ނަމާދަސް ފަރުވާކުޑަނުކުރާށެވެ! ފަރުވާކުޑަކުރެވެން ނެތް ސަބަބުތައް މިކިޔައިދިނީއެވެ. އެމީހާގެ ސަލާމަތްކަން ހޯދުމަކީ އެމީހެއްގެ ކަމެކެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން