މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެ؛ އަންނަ ހަފުތާގައިވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެ؛ އަންނަ ހަފުތާގައިވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެ ކަމަށާއި، މި ވިއްސާރައިގެ އަސަރު ކުޑަވެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި އާދިއްތަ ދުވަހުން ފެށިގެން ވާރޭވެހޭ މިންވަރު މަދުވި ނަމަވެސް، މުޅި އަންނަ ހަފުތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެއެވެ.

މި ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މެޓް އޮފީހުން ވަނީ ސަމާލު ނެރެފައެވެ. އެގޮތުން ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، ހެނދުނު 09:30 އިން މެންދުރު 13:00 އަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އަދި ބޮޑުތިލަދުންމަތި ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ އަތޮޅަކަށް ހެނދުނު 08:10 އިން މެންދުރު 14:00 އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

ވައިގެ ޙާލަތަށް ބަލާއިރު، މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާންމުކޮށް ވައިޖެހޭނީ އާދައިގެ މިންވަރަކަށް މަޑުކޮށެވެ. ނަމަވެސް އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ޢާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން