ނަމާދު ފުރިހަމަ ކުރަމާ!: ނަމާދުގަ އަތްތިލަ ޤިބުލައަށް ކުރިމަތިކޮށް ކޮނޑާ ހަމައަށް އުފުލަން ޖެހޭ 4 މަޤާމާއި އަތް އުފުލަންވީ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ނަމާދު ފުރިހަމަ ކުރަމާ!: ނަމާދުގަ އަތްތިލަ ޤިބުލައަށް ކުރިމަތިކޮށް ކޮނޑާ ހަމައަށް އުފުލަން ޖެހޭ 4 މަޤާމާއި އަތް އުފުލަންވީ ގޮތް!

ނަމާދާއި ގުޅިގެން ކިޔުންތެރިން ސުވާލުކުރައްވާތީ އުފާކުރަމެވެ. އެކަމުން އެނގެނީ އެމީހުން ކުރާ ނަމާދު ވީހައި ފުރިހަމަކުރަން ބޭނުންވާ ކަމެވެ. ކޮންމެ މުސްލިމަކަށްވެސް އޮތް އެންމެ މުހިންމު ކަމަކީ ވީހާފުރިހަމައަށް ނަމާދުކުރުމެވެ.  

"ނަމާދުގަ އަތް އުފުލަންޖެހޭ މަޤާމްތަކަކީ ކޮބައިތޯ؟"  

ކުރެވޭ ސުވާލުގެ ޖަވާބުގައި ދަންނަވަންއޮތީ ތިރީގައިވާ ލިޔުމުން ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.  

ނަމާދުގައި ނަމާދުގަ އަތްތިލައިގެ ހުދުފުށް ޤިބުލައަށް ކުރިމަތިކޮށް ކޮނޑާއި ހަމައަށް ނުވަތަ ދެކަންފަތުގެ ފޫޅާއި ހަމައަށް އުފުލަން ޖެހޭ 4 މަޤާމެއް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

މިގޮތަށް އަތްތިލަ އުފުލާއިރު އިނގިލިތައް ދުރުކުރުމެއް ކައިރިކުރުމެއްވެސް ނެތެވެ. ޢާންމު ގޮތެއްގައި ހުންނަވަރަށް ބަހައްޓާށެވެ.  

ފުރަތަމަ މަޤާމަކީ ޙަރަމްބަންނައިރެވެ.  

ދުވަނަ މަޤާމަކީ ރުކޫޢަށް ދިއުމެވެ. ރުކޫޢަށް ދާނީ ޙަރަމް މޮހެލައި އެފަދައިން އަތް އުފުލައިލުމަށްފަހުގައެވެ.  

ތިން ވަނަ މަޤާމަކީ ރުކޫޢުން ތެދުވާ ވަގުތެވެ. ރުކޫޢުން ތެދުވާއިރުވެސް އަތް ތރިކޮށް ދޫކޮށްލަން ވާނީ ހަމަ އެގޮތަށް ދެއަތް އުފުލައިލުމަށް ފަހުގައެވެ.  

4 ވަނަ މަޤާމަކީ މެދު އައްތަޙިއްޔާތު ކިޔައި 3 ވަނަ ރަކްޢަތަށް ތެދުވާއިރުއެވެ. 3 ވަނަ ރަކްޢަތުގެ ޙަރަމް ބަންނަން ވާނީ ހަމަ އެފަދައިން ދެއަތްތިލަ ޤިބްލައަށް ކުރިމަތިކޮށް ދެކޮޑާއި ހަމައަށް ނުވަތަ ދެކަންފަތުގެ ފޫޅާއި ހަމައަށް އުފުލައިލުމަށްފަހުގައެވެ.  

މިގޮތަށް އަތް އުފުލުމަކީ މުޞްތަޙައްބު ކަމެކެވެ. ރަސޫލް (ﷺ) ނަމާދު ކުރެއްވެވީ މިގޮތަށެވެ. މިގޮތަށް ޢަމަލުކުރައްވަވައި ނަމާދު ކުރެއްވެވުމަށްފަހު ޞަޙާބީންނަށް ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިމަންކަލޭގެފާނު ނަމާދު ކުރެއްވެވި ގޮތަށް ނަމާދުކުރުމަށެވެ. ކުރާ ނަމާދު ނަމާދަކަށް ވާނީ ރަސޫލް (ﷺ) ދަސްކޮށްދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ.

 

- ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން

މިއަދު އޮންލައިން