ފިރިހެން ދަރިން ކައިވެނިކޮށްގެން ވަކިން ދިރިއުޅެންފެށީމާވެސް ބައެއް މައިން އެގެއަށް ގޮސް ޅީދަރިފުޅުގެ މައްޗަށް ނުފޫޒުފޯރުވަން މަސައްކަތްކުރެއެވެ. ގޭގެކަންކަން ކުރަންޖެހޭނެ ގޮތް ކަނޑައަޅައި އަމުރުކޮށް ހަދައެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކޮށްދޭންޖެހޭނެ ކަންކަން ދަރިފުޅަށް ކޮށްދީ ދަރިފުޅުގެ ސަމާލުކަން ހޯދަން މަސައްކަތްކުރެއެވެ.
މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ދަރިފުޅު ދެކެ ކިތަންމެ ބޮޑަށް ލޯބިވިޔަސް މިއީ ކަންކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ. ދެމަފރިން އެމީހުންގެ މިނިވަންކަމުގައި އުޅެން ފުރުޞަތުދޭންވާނެއެވެ. އެމީހުންގެ ކަންކަމަށް ބެހެންވާނީ ލަފައަކަށް ނުވަތަ އެހީތެރިކަމަކަށް އެދިއްޖެނަމައެވެ.
އެެހން ނޫނީ ޅީދަރިފުޅަށް ވިސްނޭނީ އޭނާގެ ޙައްޤުތައް ގެއްލޭކަމަށެވެ. ނަތީޖާއަކަށްވާނީ ފޫހިވާންފެށުމެވެ. ފޫހިކަން ބަދަލުވާނީ ޙަސަދަވެރިކަމަށެވެ. އެހިސާބުން ކަންކަން ރަނގަޅުކުރަން މަސައްކަތްކުރިޔަސް އޮންނާނީ ނަތީޖާއެއް ނުނެރެވިފައެވެ.
ޒަމާން ބަދަލުވެއްޖެއެވެ. ގިނަ އަންހެނުން ކައިވެނިކުރުމަށްފަހު އެމީހުންގެ ދިރިއުޅުމާއި އެމީހުންގެ މަންމަ ބެހެންވެސް ބޭނުމެއް ނުވެއެވެ. އެހެންކަމަށްވާއިރު އެފުރުޞަތު މައިދައިތައަށް ދޭން ބޭނުންވެވޭނީ ކިހިނަކުން ހެއްޔެވެ؟
ދަރިން ދެކެ ލޯބިވާނަމަ ފުރަތަމަ ކަމަކަށް ދަރިފުޅު ކައިވެނިކުރި މީހާއާއި ގުޅުން ބަދަހިކުރާށެވެ. ކަންކަންކުރާ ގޮތް ބަލައި އޮޅުންފިލުވާށެވެ. އިޞްލާޙްކުރަންޖެހޭ ކަމެއް އޮތްނަމަ އެކަން ބުނެދޭށެވެ. ރުޅިނައިސް ނަޞީޙަތުގެ ގޮތުގައެވެ.
ދާދިފަހުން ހިނގިކަމެކެވެ. މައިދައިތަގެ އުނދަގޫބޮޑުވެ ކެތްނުކުރެވުމުން ސުވާލުކުރިއެވެ. "މަންމާއެވެ! މަންމަގެ ދަރިފުޅާއި ފުރަތަމަ ކައިވެނިކުރީ އަހުރެންނެވެ. ވީމާ އަހުރެންނަކީ އަލަތު އަނބިމީހާއެވެ! މަންމައާ އަހުރެންގެ ފިރިމީހާގެ ކައިވެނިކުރީ ކޮން ކޯޓެއްގައި ހެއްޔެވެ؟ ތިއައީ ފިރިމީހާގެ ކިތައްވަނަ އަނބިމީހާ ހެއްޔެވެ؟"
މައިދައިތަ ވަރަށް ކަންބޮޑުވެފައި ސުވާލުކުރިއެވެ. ބުންޏެވެ! "ދަރިފުޅު މަންމަގެ ބޮލުގައި ތިއައެޅުވީ ހާދަބޮޑު އިލްޒާމެކެވެ. ތިއަ ބާވަތުގެ އެއްވެސް ކަމެއް އަހުރެން ނުކުރަމެވެ." ޖަވާބުގައި ޅީދަރިފުޅު ބުންޏެވެ. "މަންމާއެވެ! އަހުރެން މިބުނަނީ ދެމައިން ގުޅުން ހިންގާ ވާހަކައެއް ނޫނެވެ. އެކަމަކު އަހުރެން، އަހުރެންގެ ފިރިމީހާއަށް ކޮށްދޭންޖެހޭ ޚިދުމަތް މަންމަ ކުރާވާހަކައެވެ. އަހުރެންގެ މައްޗަށް އަމުރުކުރާ ވާހަކައެވެ. އެންމެ ކުޑަމިނުން ފިރިމިހާއަށް ކައްކަންޖެހޭ އެއްޗެތިވެސް ތިއަ ކަނޑައަޅަނީ މަންމައެވެ. ހީވަނީ ފިރިމީހާދެކެ ބޮޑަށް ލޯބިވާ، ފިރިމީހާ ބޮޑަށް ބޭނުންވާނެ ކަންކަން އެނގޭ، ފިރިމީހާއާއިއެކު ގިނަދުވަސް ހޭދަކުރި ދޮށީ އަންތބަކީ މަންމަހެންނެވެ."
މަންމައަށް ރޮވުނެވެ. ވީދެރައިންނެވެ. މަންމަގެ ސަބަބުން ދަރިފުޅުގެ ދިރިއުޅުމަށް ނުރަނގަޅު އަސަރުތައް ވަރަށް ބޮޑަށް ކޮށްފިކަން ވިސްނުމުންނެވެ. ދަރިފުޅު އޭނާގެ އަނބިމީހާ ދެކެ ވަރަށް ބޮޑަށް ލޯބިވާކަމާއި މަންމަގެ ސަބަބުން އަނބިމީހާ ވަކިވެގެން ހިނގައްޖެނަމަ ދަރިފުޅު މަންމައަށް މާފުނުކުރާނެކަން އެނގޭތީއެވެ. އެހެންވެ ޅީދަރިފުޅުގެ ކިބައިން މާފަށް އެދުނެވެ. ކަންކަން އިޞްލާޙްކުރާނެ ކަމަށް ވަޢުދުވިއެވެ.
މިޙާދިސާގައި ޅީދަރިފުޅު އެބުނިހައި ސާފުކޮށް ކޮންމެ ދަރިއަކު ނުބުނެފާނެއެވެ. ނަމަވެސް މިފަދަ ޙާލަތުގައި ހިތަށް ކުރާނީ ހަމައެއިޙްޞާޞްތަކެވެ. ވީމާ މިއީ މައިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ.
- ޝައިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް