ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީގޮތުން "އަމާން ހިޔާ" އަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީގޮތުން "އަމާން ހިޔާ" އަށް ބަދަލުކޮށްފި

ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ހޮސްޕިޓަލުން ދެމުންދިޔަ ޚިދުމަތްތައް ވަގުތީގޮތުން "އަމާން ހިޔާ" އިމާރާތަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށްގެންދިޔައިރު، ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއެވެ.

މި ބަދަލާ ގުޅޭގޮތުން ދައުލަތުގެމީޑިއާއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ވަގުތީ އިމާރާތުގައި މިހާރު އާންމު ޚިދުމަތްތަކުގެ ތެރެއިން އިމަޖެންސީއާއި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށެވެ. އަދި ވަގުތީ އިމާރާތުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިމުމުން، ޑެންޓަލް، ފިޒިއޮތެރަޕީ އަދި ޑައިލިސިސްގެ ޚިދުމަތްތައްވެސް އެ ތަނަށް ބަދަލުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެ ޚިދުމަތްތައް އެއްކޮށް ބަދަލުކޮށް ފުރިހަމަވަންދެން، އައިޖީއެމްއެޗް މެދުވެރިކޮށް އެ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. ހުރިހާ ޚިދުމަތެއް ވަގުތީ ތަނަކަށް ބަދަލުވުމާއެކު، ވިލިމާލެ ހޮސްޕިޓަލްގެ ކުރީގެ އިމާރާތް ހުރި ބިން ހުސްކޮށް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާ ހަވާލުކުރެވޭނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

މިއަދު އޮންލައިން