އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 9 ފަރާތަކަށް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 9 ފަރާތަކަށް ދީފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބޭއްވި "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ އެވޯޑުތައް ރަސްމީކޮށް 9 ފަރާތަކަށް ދީފިއެވެ.

މި އެވޯޑަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ސިނާއަތުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ދެމުން އަންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި ތައާރަފުކޮށްފައިވާ އެވޯޑެކެވެ.

މި ހަފުލާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ގެސްޓްހައުސްތަކަށާއި، ފަރުދުންގެ އިތުރުން ރަށަކަށް ވެސް ވަނީ އެވޯޑު ދީފައެވެ. އެގޮތުން، 10 ކޮޓަރިއަށް ވުރެ ގިނަ ގެސްޓްހައުސްތަކުގެ ކެޓަގަރީން ބ. ކަމަދޫން ވަނީ ތިން އެވޯޑެއް ހާސިލުކޮށްފައެވެ. މީގެ އިތުރުން، އެ ހަފުލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" ކާމިޔާބުކޮށްފައިވަނީ ފުވައްމުލަކު ސިޓީއެވެ.

މި ކާމިޔާބީއާ ގުޅިގެން އެމްއައިބީ އިން ވަނީ އެވޯޑު ހާސިލުކުރި ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔައި، އެ ފަރާތްތަކުގެ މަސައްކަތްތަކަށް ތައުރީފުކޮށްފައެވެ.

އެ ބޭންކުން ފާހަގަކުރި ގޮތުގައި، މި ކާމިޔާބީތަކުން ދައްކުވައިދެނީ ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެ ފަރާތްތަކުން ބަހައްޓާ ފަރުވާތެރިކަމާއި، ޝައުގުވެރިކަމާއި، ސާބިތުކަމެވެ. އަދި މި ލިބުނު ބަލައިގަތުމަކީ ސިނާއަތުގެ މުސްތަގުބަލުގައި އިތުރު ކުރިއެރުންތަކާއި އައު ފުރުސަތުތަކަށް މަގުފަހިވާނެ ކަމެއް ކަމަށް އުންމީދުކުރާ ކަމަށް ވެސް އެމްއައިބީ އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން