މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނަގައި ތަރައްޤީކުރަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނަގައި ތަރައްޤީކުރަން ފަށަނީ

މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި، މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞުން 14 ބިމެއް ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ހަމަޖައްސައި އެ ސަރަހައްދުތަކުގައި ހިންގާނެ މަޝްރޫޢުތައް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ސަރުކާރުގެ ބެލުމުގެ ދަށަށް މި ބިންތައް ބަދަލުކުރަން ނިންމުމާއެކު، އެ ތަންތަނުގައި ކުރިއަށްގެންދާނެ މަޝްރޫޢުތަކުގެ ތަފްޞީލުވެސް އެ ވުޒާރާއިން ވަނީ ޢާންމުކޮށްފައެވެ.

ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރި ބިންތަކުގެ ތެރޭގައި މާލޭގެ މުހިންމު ސަރަހައްދުތަކާއި މަޝްހޫރު ބިންތައް ހިމެނެއެވެ. އޭގެ ތެރޭގައި ސަލްޓަން ޕާކާއި، މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓާއި، ރަސްފަންނު އަދި ކާނިވާ ކެފޭ ޕާކިން އޭރިއާ ފަދަ ޢާންމު ގިނަ ސަރަހައްދުތައް ހިމެނެއެވެ.

މި ބަދަލާ ގުޅިގެން ކޮންމެ ބިމެއްގައިވެސް ވަކިވަކިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ސަލްޓަން ޕާކު އަދި މިއުޒިއަމް އޭރިއާގައި އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، މަސް މާރުކޭޓު ހުރި ބިމުގައި އޮފީސް އަދި ވިޔަފާރިއަށް ކުއްޔަށްދޭ ޢިމާރާތެއް އެޅުމަށާއި، ލޯކަލް މާރުކޭޓު ޒަމާނީ މާރުކޭޓު ކޮމްޕްލެކްސެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ހުރި ސަރަހައްދުގައި މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓެއް ހިންގުމަށްވެސް ވަނީ ރާވާފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ހުސްކޮށްހުރި ބިންތަކާއި ޢާންމު ސަރަހައްދުތައް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ދެމެހެއްޓެނިވި އުޞޫލަކުން ތަރައްޤީކޮށް ބެލެހެއްޓުމެވެ.

މިއަދު އޮންލައިން