މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ވަކި ގަޑިތަކެއްގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހެނދުނު 6:00 އިން 8:30 އަށް، 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުތައް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން ވަނީ މަނާކޮށްފައެވެ.
އަދި ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން، ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި، ސްކޫލް ސަރަޙައްދުތަކުގައި މިފަދަ އެއްވެސް އުޅަނދެއް ދުއްވުމާއި މުދާ އުފުލުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މި އުސޫލާ ޚިލާފުވާ ފަރާތްތަކާ މެދު ޤާނޫނު ނަންބަރު: 2026/16 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.