އެންމެގާތް އެކުވެރިޔާގެ ކައިވެންޏަށް ހުރަސް އަޅަން ހެދި ސިޙުރު، ސިޙުރު ހެއްދުވި މީހާއަށް ޖެހި ޢުމުރަށް ކައިވެނިނުކުރެވި ހުންނަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
އެންމެގާތް އެކުވެރިޔާގެ ކައިވެންޏަށް ހުރަސް އަޅަން ހެދި ސިޙުރު، ސިޙުރު ހެއްދުވި މީހާއަށް ޖެހި ޢުމުރަށް ކައިވެނިނުކުރެވި ހުންނަންޖެހުނު ޙާދިސާއެއްގެ ވާހަކަ-

ސަޢީދާއާއި މަރްޔަމަކީ އެންމެ ގާތް އެކުވެރިންގެ ގޮތުގައި އުޅެމުން އަންނަ ދެއަންހެނުންނެވެ. ސައިދާއަށް ލޯބިވެރިއަކު ލިބި ކައިވެނިކުރެވެން ތައްޔާރުވުމުން މަރްޔަމަށް އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ. އޭނާއަށް އޭނާ ބޭނުންވާ ފެންވަރުގެ ތަނަވަސް މީހަކު ނުލިބިގެން އުޅެނިކޮށް ސަޢީދާއަށް ރަނގަޅު މީހަކާ ކައިވެނިކުރެވޭތީއެވެ.  

ކޮންމެ ގޮތަކުންވެސް ކައިވެނި ހުއްޓުވަން ބޭނުންވެ އެކަމަށް ގޮތެއް ހޯދަން ދިއައީ ސިޙުރުވެރިއެއްގެ ގާތަށެވެ. ސިޙުރުވެރިޔާ އެބެލި ކަންތައްތަކެއް ބަލާފައި ބުނީ ތިއައީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ސަޢީދާއަކީ ތަޤްވާވެރި އަންހެނަކަށްވުމުން އޭނާއާއިއެކު އަބަދުވެސް ރަޙްމަތުގެ މަލާއިކަތުން ތިއްބަވާތީ ޝައިޠޯނުންނަށް ކައިރިނުވެވޭނެތީއެވެ.

އަގަކަށް 10000 ރުފިޔާ ދޭން ބުނުމުން ބުނީ މާދަމާ އައުމަށެވެ. އަނެއް ދުވަހު ދިއުމުން ޕާރުސަލްކުރާ ކަރުދާހެއް ދީފައި ބުނީ ހަދިޔާއެއް އޭގައި ބަންދުކޮށްގެން ކައިވެނީގެ ކުރިން ގެންގޮސްދިނުމަށެވެ. "އެކަމަކު މިކަމުގައި ވަރަށް ބޮޑު ނުރައްކަލެއް އެބައޮތެވެ. އެކަމަކީ އޭނާ ހަދިޔާގައި ނުހިފައި އަނބުރާ ފޮނުވާލައިފިނަމަ ތިބާއަށް ދުވަހަކުވެސް ކައިވެންޏެއް ކުރެވުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. ވީމާ ރަނގަޅަށް ވިސްނާފައި ކަންކަން ކުރާށެވެ! ފަހުން އަހުރެންގެ ގާތަށް އަޔަސް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ."  

ހިތުގައި އޮތް ޙަސަދަވެރިކަން ބޮޑުކަމުން މަރްޔަމް ނިންމީ ސިޙުރުހެދުމާއިގެން ކުރިއަށްދާށެވެ. އަނެއް ދުވަހު ހަދިޔާއެއް ޕާރުސަލްކޮށްގެން ގޮސް ބުނީ އެންމެ ގާތް އެކުވެރިޔާކަމަށްވުމުން ބޭނުންވަނީ އެންމެ ފުރަތަމަ ހަދިޔާދޭ މީހަކަސްވާން ކަމަށެވެ. މިއީ ވަރަށް އަގުބޮޑު ހާރެއް ކަމަށެވެ. ކުރިން މިދެނީ އެއިރުން ކައިވެނީގެ ޙަފްލާގައިވެސް އަޅައިގެން ހުރެވޭނެތީކަމަށެވެ. އެހެން ބުނެފައި ހާރުގެ ފޮޓޯވެސް ފޯނުން ދައްކައިލިއެވެ.  

ސަޢީދާ ބުނީ ކައިވެނީގެ އުފަލުގައި ދޭ ހަދިޔާ ބަލައިގަންނާނީ ކައިވެނިކުރެވުމުން ކަމަށެވެ. އަދި ކައިވެންޏަށް ބޭނުންވާ އެއްޗެތީގެ ތެރެއިން އޭނާގެ އަތުގައި ނެތް ހުރިހާ އެއްޗެއް ލޯބިވެރިޔާގެ ޢާއިލާއިން ހޯދައިދީފައިވާ ކަމަށެވެ. މަރްޔަމް ދެރަވެފައި ވަރަށް އާދޭސްކުރުމުންވެސް ސަޢީދާ ދިނީ އެޖަވާބެވެ. އަދި ހަދިޔާ ހިފައިގެން އެނބުރި ދިއުމަށް ބުނެފައި ކޮޓަރިއަށްވަނީއެވެ.  

ސަޢީދާ އެގޮތަށް ކަންތައްކުރީ ކުރީރޭ އޭނާއަށް ފެނިފައިވާ ހުވަފެނަކާއި ގުޅިގެންނެވެ. ހުވަފެނުގައި ފެނުނީ ކައިވެނީގެ މަޖިލީހަށް ދިއުމަށް މަރްޔަމް ހުރަސްއަޅާތަނެވެ. މަގުބަންދުކުރާތަނެވެ. އެއީ ވަރަށް ވަރުގަދަ މެސެޖެއް ކަމަށް ސަޢީދާއަށް ޤަބޫލުކުރެވިފައި އޮތީމައެވެ.  

މަރްޔަމް ޢުމުރުން 55 އަހަރުގައި ނިޔާވީ އެކަނިހުރެއެވެ. ސިޙުރަށް 27 އަހަރުގައެވެ.  

މިއީ އަޅުގަނޑަށް ފެނިފައިވާ ފިލްމެއްގެ ވަރަށް ކުރު ޚުލާޞާއެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ މިއީ ފިލްމަކަށްވިޔަސް މިބާވަތުގެ ކަންކަން ކުރާމީހުން މަދެއް ނޫނެވެ. އެންމެންނާއިމެދުގައިވެސް ވިސްނައިގެން އުޅޭށެވެ. އަންމެ މުހިންމު ކަމަކީ ސަޢީދާ ފަދައިން ތަޤްވާވެރިއަކަށްވުމެވެ. ތަޤްވާވެރިކަމަކީ ހުރިހާކަމަކުންވެސް މީހާ ސަލާމަތްކޮށްދޭނެ އެންމެ ވަރުގަދަ އައްޑަނަކަމަށްވާތީއެވެ.

- ފާތުން / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ- 

 

މިއަދު އޮންލައިން