ފުދިގެން ދިރިއުޅެން ކުރާ މަސައްކަތުގަ ބަރަކާތް ލައްވަވާނެ ކަންކަމާ ހުރަސް އެޅޭ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފުދިގެން ދިރިއުޅެން ކުރާ މަސައްކަތުގަ ބަރަކާތް
ލައްވަވާނެ ކަންކަމާ ހުރަސް އެޅޭ ކަންކަން!


އަތްމަތި ތަނަވަސްކުރުމުގެ ނުވަތަ ރިޒުޤް އިތުރުކުރުކުރުމުގެ ބޭނުމުގައި އެއްވެސް މީހަކު ރުއްސަން ދީނުގައި ހުއްދަ ނޫން އެއްވެސް ކަމެއް ނުކުރާށެވެ! މިހެންބުނަންމިޖެހެނީ ފައިސާކޮޅެއްގެ ބޭނުމުގައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ބައެއް މީހުންނަށް ކުރެވޭތީއެވެ. ކަނޑައެޅިގެން ނަހީކުރައްވަވާފައިވާ ކަންކަންވެސް  ކުރެވޭތީއެވެ.  

މިސާލަކަށް ދޮގުހެދުން، ދޮގުހެކިދިނުން، ޖާސޫސްކުރުމާ އެހެން މީހުންގެ ނުބައިވާހަކަ ދެއްކުމާއި މީހުންގެ ހުންނަ ރަނގަޅު ސިފަތަކާއިމެދު ދޮގު ވާހަކަ ދެއްކުން ފަދަ ކަންކަމެވެ. އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުން ފަދަ ކަންކަމެވެ. އަދި އެންމެ ޢާންމުކަމެއްގެ ގޮތުން ފާޙިޝް ޢަމަލުތައްކުރުން ފަދަ ކަންކަމެވެ.  

ރަނގަޅަށް ވިސްނައިލާށެވެ! ތަނަވަސްކަންވެސް އަދި ރިޒުޤްވެސް ދެއްވަވަނީ ﷲ އެވެ! ރިޒުޤް ވަނީ ލިޔުއްވަވައިފައެވެ. އެމީހަކަށްޓަކައި ލިޔުއްވަވާފައިވާ ވަރަށް ނުލިބި އެއްވެސް މީހަކު މަރެއް ނުވާނެއެވެ. ވީމާ ބިރުވެތިވެ ކިޔަމަންތެރިވާންވީ ރިޒުޤް ދެއްވަވާ ﷲ އަށެވެ.  

އަތްމަތިދަތިވާނަމަ ލިބޭ އާމްދަނީ އިތުރުކުރަން މަސައްކަތްކުރާށެވެ! ވެވުނުވަރަކުން ޚަރަދުތައް ކުޑަކުރާށެވެ! ތަޤްވާވެރިކަން އިތުރުކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! އެއިރުން އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކޮށްގެންވެސް ފައިސާ ހޯދިދާނެއެވެ. އެގޮތުން ހޯދާ ފައިސާގައި ﷲ ތަޢާލާ ބަރަކާތެއް ނުލައްވަވާނެތެވެ. އަދި ގިނަ ފަހަރަށް ދެދުނިޔޭގައިވެސް ކުރިމަތިލާން ޖެހޭނީ ހިތާމަކުރަންޖެހޭފަދަ ކަންކަމާއިއެވެ.  

މިކަންކަމަކީ އަބަދުހެން ލޯތަކަށް ފެންނަމުން އަންނަ ކަންކަމެވެ. ނަމަވެސް މީހުންނަށް ވިސްނައިނުލެވެނީއެވެ. ކެތްމަދުވަނީއެވެ. ކެތްތެރިވުމުން ދެއްވަވާނެ ނިޢްމަތްތަކަށް އިތުބާރު ނުކުރެވެނީއެވެ. ވީމާ މިބަޔާންކުރި ކަންކަމަށް ވިސްނައިލާށެވެ! އެއިރުން ހުރިހާ ދަތިތަކެއްވެސް ފިލުއްވަވައިދެއްވަވާނެތެވެ. އިން ޝާ ﷲ 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން