ކޮންމެ ކަމެއް ކުރިނަމަވެސް ﷲ ގެ މަތިން ހަނދުމަނުކޮށް ގިނައިރު ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ކޮންމެ ކަމެއް ކުރިނަމަވެސް ﷲ ގެ މަތިން ހަނދުމަނުކޮށް ގިނައިރު ނުކުރާށެވެ!

މިރޭ ފާހަގަކޮށްމިލަނީ މިހާރަކަށް އައިސް ގިނަ ބައަކު ވަރަށް ބޮޑަށް ހަނދުމަނެތިކޮށްލާފައިވާ ޙަދީޘްފުޅެކެވެ.  

ގެތައް ބޮޑެތިވެއްޖެއެވެ. ސިޓިންގރޫމްތައް ބޮޑެތިވެ އަރާމު ފަރުނީޗަރުތައް ލެވިއްޖެއެވެ. އޭސީ ކުރެވިއްޖެއެވެ. އެހިސާބުން މިހުރިހާ ނިޢުމަތްތައް ދެއްވަވާ ﷲ ތަޢާލާގެމަތިން ހަނދުމަނުކުރާ ބައަކަށްވުމުން ކުރިމަތިވާނެ ކަންކަމަށް ކޮންމެވެސް ވަރަށް ވިސްނައިލަމާ ހިނގާށެވެ!  

ތަނަވަސްކަންހުރި ގިނަ ބައެއްގެ ގެތަކުގެ ސިޓިންރޫމްތަކުގައި ހުންނަނީ އަރާމު އަގުބޮޑު ފަރުނީޗަރެވެ! ބަހައްޓާފައި ހުންނަނީ 60 އިންޗިން ފެށިގެން މަތީގެ ބޮޑެތި ޓީވީތަކެވެ. ޢާއިލާ އެކުގައި ޓީވީ ބަލަން ނަމަވެސް އެހެންކަމެއް ކުރަން ނަމަވެސް ސިޓިންރޫމްގައި ތިބެނީ ކުނިވެފައިވާ ޙިމާރެއްގެ ކަށިތައް ވަށައިގެން ކަމަށް ހެދިއްޖެނަމަ އެކުރެވެނީ ކިހައި ދެރަކަމެއް ހެއްޔެވެ؟

ނުއެނގިތިބެ ނަމަވެސް އެކަން އެގޮތަށް ކުރެވޭ ޢާއިލާތައް ވަރަށް ގިނަވެއްޖެއެވެ. ޤިޔާމަތް ދުވަހު އެކަމުގެ ހިތާމަ ކުރާނެ ޢާއިލާތައް ގިނަވެއްޖެއެވެ. މީހުން ގިނަވެއްޖެއެވެ. އެކަން އެނގެނީ އަބޫ ހުރައިރާ ރިވާކުރައްވަވާފައިވާ މި ޙަދީޘްފުޅުންނެވެ.  

مَا مِنْ قَوْمٍ يَقُومُونَ مِنْ مَجْلِسٍ لاَ يَذْكُرُونَ اللَّهَ فِيهِ إِلاَّ قَامُوا عَنْ مِثْلِ جِيفَةِ حِمَارٍ وَكَانَ لَهُمْ حَسْرَةً

There are no people who rise from a gathering in which Allah was not mentioned but that it is as if they are rising from the carcass of a donkey, and it will be a cause of regret for them.

Source: Sunan Abu Dawud 4855, Grade: Sahih  

ހަދީޘްފުޅުގައި އޮތީ އެފަދަ ބައްދަލުވުމެއްގައި މީސްތަކުން އެތިބީ މަރުވެފައި އޮތް ހިމާރެއްގެ ކަށިތައް ވަށައިގެން ކަމަށެވެ. ވީމާ ގޭގެ ސިޓިންރޫމްގައި ނަމަވެސް ތިބޭއިރު ﷲ ތަޢާލާގެ މަތިން ހަނދާންކުރާށެވެ! އެއީ ހަމައެކަނި ބޮޑެތި ޖަލްސާތަކާއި ދަރުސްތަކުގައި ކުރަންޖެހޭ ކަމެއް ކަމަށް ނުދެކޭށެވެ!

ޤިޔާމަތް ދުވަހު އެންމެ ހިތާމަ ކުރާނެ އެއްބައަކީ ބައްދަލުވުންތަކުގައި ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރި މީހުންނެވެ. ﷲ ތަޢާލާގެ ނަންފުޅު ނުގަނެ ބައްދަލުވުންތައް ބޭއްވި މީހުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން