މަރްޔަމް ސާޖިދާ
މުއުމިނެއްގެ މުޅި ދިރިއުޅުން ބިނާވެގެންވަނީ ނުހަނު ފުން މާނައެއް އެކުލެވޭ ރީތި ތިން ލަފްޒެއްގެ މައްޗަށެވެ. އެއީ الحمد لله ، ޞަބްރު އަދި ތަވައްކުލް އެވެ. މިތިން ލަފްޒަކީ ހިތަށް ހަމަޖެހުމާއި، ދިރިއުޅުމަށް އުއްމީދު ގެނެސްދޭ އަދި ކޮންމެ ޙާލަތެއްގައިވެސް މީހާ ސާބިތުކަންމަތީ ބަހައްޓައިދޭ ތިން ތަނބެވެ.
الحمد لله – ލިބޭ ކޮންމެ ނިޢުމަތަކަށް ޝުކުރުވެރިވުން:
ދިރިއުޅުމުގައި ތިމާއަށް ދެއްވި ކޮންމެ ކަމަކަށް، އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައިވިޔަސް ނުވަތަ ބޮޑު ކަމެއް ކަމުގައިވިޔަސް، އިޚްލާޞްތެރިކަމާއިއެކު الحمد لله ބުނުމަކީ ތިމާގެ ހިތަށް ހަމަޖެހުން ލިބި ހިތް ފުރިގެންވާ ޝުކުރުވެރިކަމެއް އިޙުސާސްކޮށްދޭ ކަމެކެވެ. މީގެ މާނައަކީ ﷲ ތަޢާލާ ދެއްވި މިންވަރަށް ރުހުމެވެ. ދިރިއުޅުމުގައި ލިބޭ އުފާތަކާއި، އަދި ދަތި ޙާލަތްތަކަށް ޝުކުރުވެރިވުމުން، ހިތުގައިވާ ހަސަދަވެރިކަމާއި ނުތަނަވަސްކަން ފިލައިގެންދެއެވެ. އަދި ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނެކަމަށް ﷲ ތަޢާލާ ވަނީ ވަޢުދުވެވޮޑިގެންފައެވެ.
ޞަބްރު – ގެންދެވި ކޮންމެ އެއްޗަކަށް ކެތްތެރިވުން:
ދިރިއުޅުމަކީ އިމްތިޙާނެކެވެ. ބައެއް ފަހަރު ލޯބިވާ މީހުނާއި ވަކިވެ، ދަތި އުނދަގޫ ޙާލަތްތަކާއި ކުރިމަތިލާން ޖެހެއެވެ. މިފަދަ ދަނޑިވަޅުތަކުގައި މުއުމިނާގެ ހަތިޔާރަކީ 'ޞަބްރު'އެވެ. އެއީ ﷲގެ މިންވަރުފުޅަށް ޝަކުވާނުކޮށް ދިމާވި ހިތާމަޔާއި ވޭނަށް ކެތްތެރިވުމެވެ. ކޮންމެ ދަތިކަމަކަށްފަހު ފަސޭހައެއް ވާނެކަމާއި، ކޮންމެ ކަމެއްގައިވެސް ހެވެއް ވާނެކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. ހަމައެހެންމެ، ކެތްތެރިންނާއިއެކު ﷲ ވޮޑިގެންވާކަން ޔަޤީންކުރުމެވެ. ޞަބްރުގެ ސަބަބުން ތިމާގެ ނަފްސަށް ހަމަޖެހުމާއި ހިތްވަރު ލިބިގެންދެއެވެ.
ތަވައްކުލް – ކުރިއަށް އޮތް ކޮންމެ ކަމަކަށް ﷲއަށް ވަކީލުކުރުން:
މާދަމާ ވާނެ ގޮތެއް އެކަކަށްވެސް ނޭންގެއެވެ. މުސްތަޤުބަލާއިމެދު ވިސްނާ ހާސްވެ ކަންބޮޑުވުމުގެ ބަދަލުގައި، މުއުމިނުން އިޚްތިޔާރުކުރާނީ "ތަވައްކުލް"އެވެ. މާނައަކީ، ތިމާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހު، އޭގެ ނަތީޖާ މާތްﷲ އަށް ދޫކޮށްލުމެވެ. އެކަލާނގެއީ އެންމެ މޮޅަށް ކަންތައްތައް ރާއްވަވާ ރަސްކަލާނގެއެވެ. ކުރިއަށް އޮތް ތާނގައި ދިމާވާނެ ކޮންމެ ކަމަކީވެސް ތިމާއަށް އޭގައި އެންމެ ހެޔޮގޮތްކަމަށް ހިތުގެ އަޑިން ޤަބޫލުކުރުމެވެ.
މުއުމިނެއްގެ ޙަޤީޤީ އުފާވެރިކަމާއި ހިތުގެ މުއްސަނދިކަން ފެށެނީ މި މާތް ތިން ސިފައާއިއެކުގައެވެ. ދެއްވި މިންވަރަށް ޝުކުރުވެރިވެ، ބީވެދިޔަ އެއްޗަކަށް ނުވަތަ ކަމަކަށް މާޔޫސްނުވެ، ކެތްތެރިވެ، އަދި ނޭނގޭ މާދަމައަށް ބިރުވެތިވުމުގެ ބަދަލުގައި ﷲ އަށް ފުރިހަމައަށް ވަކީލުކުރުމަކީ ދިރިއުޅުމުގެ އަޑިގުޑަންތަކުން އަރައުގަތުމަށް ލިބޭ އެންމެ ބޮޑު ބާރެވެ. މިތިން ތަނބުގެ މަތީގައި ތިމާގެ ނަފްސު ބިނާކޮށްފިނަމަ، ދުނިޔޭގެ އެއްވެސް ތޫފާނަކަށް ތިމާގެ ހިތުގެ އަމާންކަމެއް ނަގައެއް ނުލެވޭނެއެވެ. إن شاء الله
- މިއަދުނޫސް