ފިރިންނަށްވުރެ އަނބިންގެ ޢުމުރުކުރުވާ މައްސަލައަށް އަނބިން ވިސްނަން އެބަޖެހޭ! ސަބަބުތައް ނައްތާލަންވެސް އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ފިރިންނަށްވުރެ އަނބިންގެ ޢުމުރުކުރުވާ މައްސަލައަށް އަނބިން ވިސްނަން އެބަޖެހޭ! ސަބަބުތައް ނައްތާލަންވެސް އެބަޖެހޭ!

ސަމާލުކަމަށް މިގެނެސްދެނީ ހުރިހާ އަންހެނުންވެސް ވަރަށް ބޮޑަށް ވިސްނައި ފަރުވާތެރިވާންޖެހިފައި އޮތްކަމެއްގެ ވާހަކައެވެ. މައްސަލައަކީ އަންހެނުން އެމީހުންގެ ޞިއްޙަތަށް ނުބަލާކަމެވެ. ޞިއްޙަތަށް ނުބެލުމުން އަވަހަށް ބަލިކަށިވަނީއެވެ. ބޮޑެތި ޞިއްޙީ މައްސަލަތައް ކުރިމަތިވެ ޢުމުރުކުރުވަނީއެވެ. އެކަންކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ.  

ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެއެވެ. އުފުލަންޖެހޭ ބުރަތައް އުފުލަންވެސް ޖެހޭނެއެވެ. ހަމައެއާއިއެކު ތިމާގެ އަމިއްލަ ނަފުސަށް ބަލަންޖެހޭ ކަންކަމަށް ބަލަންވެސް ޖެހޭނެއެވެ. އެހެންވެ މުސްކުޅިން ބުނެއުޅޭ ބަހެއް އޮވެއެވެ. "ފަރުވާކުޑަކަމުން އޮޑި ފުށްޓަރަށް އަރައި އޮޑިރޫޅުނީމާ ރާޅުތަކާ ފުށްޓަރު ކުށްވެރިނުކުރާށެވެ!"  

ގުޅުންހުރި ލިޔުން:  

ދިރާސާކުރި މީހުން އިތުރު ތަފްޞީލް ދީފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ ކައިވެނިކޮށްގެން ތިބޭ އަންހެނުންނަށްވުރެ ކައިވެނިކޮށްގެން ތިބޭ ފިރިހެނުންގެ ޢުމުރުދިގުވާ ކަމަށެވެ. އަދި އެއީ ކީއްވެގެން ހެއްޔެވެ؟  

މިއީ ދުނިޔޭގެ ކޮން ސަރަޙައްދެއްގައި ކޮންގޮތަކަށް ބަލައިގެން ކުރި ދިރާސާއެއްކަން އެނގެން ނެތް ނަމަވެސް މިކޮމެންޓާ ގުޅިގެން ތަފާތު ވަރަށް ގިނަ ކޮމެންޓްތައް ގިނަބައަކު ވަނީ ކޮށްފައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު ބުރަދަނެއްހުރިކަމަށް ބެލެވޭ ކޮމެންޓް ފާހަގަކޮށްލާނަމެވެ. އެއީ ޙަޤީޤަތަކަށްވެފައި އަންހެނުން އިތުރަށް ސަމާލުކަންދޭންޖެހިފައިވާ ކަމަކަށްވާތީއެވެ. ރާއްޖޭގައިވެސް އެކަން އޮތްގޮތް ކަމަށްވާތީއެވެ.  

އެކޮމެންޓަކީ: "އެހެން އެވަނީ ގިނަ އަނބިން ބަލިވިނަމަވެސް މަސައްކަތްކުރާނީ އެކަން ކަމަކަށް ނުހަދާށެވެ. ޑޮކްޓަރަށް ދައްކާނީ ދެން އެހެން ގޮތެއް ނެތީމައެވެ. އިންތިހާއަށް ބުރަކޮށް މަސައްކަތްކުރެއެވެ. ވަރުބަލިވެއްޖެކަމަށް ހަށިގަނޑު ބުންޏަސް އަޅައެއް ނުލާނެއެވެ. ކުރަންހުރި ހުރިހާ މަސައްކަތެއް ކޮށްނިންމާފައި ނޫނީ ނޭވާވެސް ނުލާނެއެވެ.  

ކާނީ އެހެން މީހުން ކެއުމަށްފަހު ބާކީވެފައި ހުންނަ އެއްޗެކެވެ. ހަށިގަނޑަށް ފައިދާހުރި އެއްޗެއްކާނީ ވަރަށް މަދުންނެވެ. ކައިބޮއިހަދާނީ ބަނޑުހައިވެއްޖެކަމަށް ބަނޑުބުނެ ކާއެތިކޮޅަކަށް އެދި ގޮހޮރު ސަލާންޖަހާތާ އެތައް އިރެއްފަހުންނެވެ.  

މަސައްކަތް ލުއިކުރަން، އަރާމުކުރަން ޑޮކްޓަރުން ބުނާ ވާހަކަތައް އަންހެނުންނަށް އަޑުއިވޭ ކަމަކަށް ނުހަދާނެއެވެ. އެކަމަކު ފިރިމީހާ އާއިމެދު އެފަދަ ބަހެއް ޑޮކްޓަރަކު ބުނެފިނަމަ އެއަޑު ވަރަށް ބާރަށް އިވޭނެއެވެ. ފިރިމނީހާއަށް މަޖުބޫރުކުރުވައިގެންވެސް ޑޮކްޓަރު ބުނި ގޮތަށް ކަންތައް ކުރުވާނެއެވެ. 

ޚުލާޞާއަކީ އަންހެނުން އެމީހުންގެ އަމިއްލަ ހަށަގަނޑަށާއި ޞިއްޙަތަށް ފަރުވާ ނުބަހައްޓައި ޢާއިލާގެ ކަންކަމަށް ފަރުވާބަހައްޓާލެއް ބޮޑުކަމެވެ. އެހެންވެ ހަށިގަނޑު މާއަވަހަށް "އެކްސްޕަޔަރވަނީއެވެ."  

މިކޮމެންޓްކޮށްފައިވަނީވެސް އަންހެނެއް ނޫނެވެ. ފިރިހެނެކެވެ. އޭނާއަކީ ކޮންމެ ޤައުމެއްގެ މީހަކަށްވީނަމަވެސް އޭނާ ބުނެފައިއެވާ ވާހަކަތަކުގެ ބުރަދަން ވަރަށް ބޮޑެވެ. އެއީ ހަމަ 99 އިންސައްތަ ތެދު ވާހަކަތަކެއް ކަމަށް ޤަބޫލުކުރެވެއެވެ.

 

- ޝަމްވީލާ މިއަދުނޫހަށް

 

މިއަދު އޮންލައިން