އެއީވެސް ކިޔަވައިގެން އިން އަންހެނެކެވެ. ދިރިއުޅެން ކުރާނެ މަސައްކަތެއްވެސް ވަނީ ދަސްކޮށްފައެވެ. ނަމަވެސް ކުރެވުނު ކުށެއްގެ ސަބަބުން ދެކެމުން އައި ހުވަފެންތަކެއްގައި ކުލަ ނުޖެއްސުނީއެވެ. އެކުށަކީ ލޯބިވެރިޔާއަށް އިތުބާރުކުރެވުނުވަރު ބޮޑުވެ ކައިވެނީގެ ބޭރުން ދަރިއަކު ލިބުމެވެ.
އެކަން ވެގެންދިއައީ ލިބުނު އެންމެ ބޮޑު ދެރައަށެވެ. ބަލިވެ އިނުމުން ކުރިމަތިލާންޖެހުނު ކަންކަމާއި ގުޅިގެން އަދާކުރަމުން އައި ވަޒިފާވެސް ގެއްލުނީއެވެ. ޢާއިލާގެ ލޯބިވެސް ގެއްލި އެކަނިވެރިވާންޖެހުނީއެވެ.
ޢާއިލާއިން ދައްކަމުން އައި ކުނިމޫނުތަކުގެ ސަބަބުން ހިތްދަތިވެފައި އިންދައި ދެން ކުރިމަތިކުރުވީ އެންމެ ބޮޑު ކަންތަކެވެ. އެއީ އޭނާގެ އަތުގައި ސޭވްކުރެވިފައިހުރި ފައިސާއިން ހުސްނުވެ ހުރި މަދުފައިސާކޮޅުން ގެއަށް ޚަރަދުކުރަން ބުނުމެވެ. އެކަމަށް ދެކޮޅެއް ނުހަދައެވެ. ނަމަވެސް މަސައްކަތްކުރީ ކޮންމެވެސް ގޮތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ.
މަގަށްވާ ގޮތަށް ކުޑަފިހާރައަކާއެކު ކޮޓަރިއެއް ކުއްޔަށް ހިފައިގެން ނުކުތީއެވެ. އެޑްވާންސްތައް ދައްކައި ނިމުނުއިރު ވިޔަފާރިއެއް ފެށޭނެވަރުގެ ކެޕިޓަލެއް އަތަކު ނެތެވެ. އޭނާއަކީ ދުވަހަކުވެސް ކަންކަމަށް އެކުވެރިންގެ ގާތުގައި އެދޭ އަންހެނެއް ނޫނެވެ. އެހެންކަމާއިއެކުވެސް ދެން އެހެން ގޮތެއް ނެތުމުން އެކުވެރި އަންހެނެއްގެ ގާތުން އެހީތެރިކަމަށް އެދުނެވެ.
ކަންދިމާވިގޮތުން އެވަޤުތު އޭނާގެ އަތަކުވެސް ފައިސާއެއް ނެތެވެ. އެހެންކަމާއިއެކުވެސް އެކުވެރިޔާއަށް އެހީތެރިވެދޭން ބޭނުންވަރުން އޭނާގެ އެކުވެރިއެއްގެ ކިބައިން އެހީތެރިކަމަށް އެދުނެވެ. އެއީ ތަނަވަސް މީހެކެވެ. މީގެކުރިންވެސް ބޮޑެތި އެހީތައްވެދީފައި ހުރި މީހެކެވެ.
އެދުނީވެސް މާގިނަ ފައިސާއަށެވެ. އެކުވެރިޔާ އެދިފައި އޮތީ އެއް ލައްކަ ރުފިޔާއަށެވެ. ނަމަވެސް އެދުނީ ދެލައްކަ ރުފިޔާއަށެވެ. 3 އަހަރުން އަދާކުރާ ގޮތަށް ދެލައްކަ ރުފިޔާ ދީފައި ބުނީ އޭނާވެސް ކަމަކު އެދެން ބޭނުންވެގެން ހުރިކަމަށެވެ. އެކަމަކީ އޭނާގެ އެކުވެރި ރަމިޒާއާއި ބައްދަލުކޮށްދިނުން ކަމަށވެ. ބައްދަލުކުރަން ބޭނުންވަނީ ސިއްރުން ނޫންކަމަށާއި އޮފީހުގައިކަމަށްވެސް ބުންޏެވެ.
އެބުނި ރަމީޒާއަކީ އޭނާ ފައިސާ ހޯދައިދިން އެކުވެރިޔާކަމަށްވުމުން ވަޤުތުން ރަމީޒާއަށް ގުޅައި ކުޑަކަމަކު މަޝްވަރާކޮށްލަން އެކުވެރިޔާގެ އޮފީހަށް އައިސްދިނުމަށް އެދުނެވެ. އެކަން ޤަބޫލުކޮށް ރަމިޒާއައީ އޭނާގެ ދަރިފުޅުވެސް ގޮވައިގެންނެވެ. އެއީ ބަލައިދޭނެ އެހެން މީހަކު ނެތީމައެވެ.
ރަމީޒާ ހުރީ ތައުބާވެގެންނެވެ. އެހެންވެ ހިލޭ ފިރިހެނަކަށް ބަލަންވެސް ބޭނުމެއް ނުވިއެވެ. އިސްދަށަށް ޖަހައިގެން އިންނަން ފެށީމާ ޒުވާނާ ބުންޏެވެ. "މޫނުއަޅައިގެން އިންނައިރުވެސް އިސްދަށަށްޖަހަންޖެހޭ ހެއްޔެވެ؟" ރަމީޒާ ބުނީ ދެލޯ ފެންނަ ކަމަށާއި އެއީ އެންމެ ނުރައްކައުތެރި ގުނަވަން ކަމަށެވެ. ލިބުނު ހުރިހާ ދެރައެއް ލިބުނީ އެގުނަވަނަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުން ކަމަށެވެ.
ޒުވާނާ ބުންޏެވެ. "ރަމީޒާއެވެ! ރަމީޒާގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެނގެއެވެ. ތިއަބުނި ދެރަވެސް އެނގެއެވެ. އެހުރިހާ ކަމެއް އެނގިހުރެވެސް ބުނަން ބޭނުންވަނީ ރަމީޒާ އާއި ގުޅެން ބޭނުން ކަމަށެވެ. "ރަމީޒާ ބުނީ ﷲ އެންގެވި މަގުން ގުޅެން ބޭނުންނަމަ މިހުރީ ރުހޭށެވެ! ހެކިވެރިން މިހާރު ގެނަޔަސް ރަންކިޔާނަމެވެ. ލޯބިވެގެން އުޅުމުން ލިބުނު އަނިޔާގެ ރިސްކް ހިނދުކޮޅަކަށްވެސް ނަގާކަށް ބޭނުމެއް ނޫނެވެ. އަހުރެން މިހާރު އިތުބާރުކުރަނީ ހަމައެކަނި ﷲ އަށްކަމަށްވާތީއެވެ."
ޒުވާނާ ބުންޏެވެ. "ދެއަންހެނުން މިހާރުދާށެވެ! ޢަޞްރު ނަމާދުކޮށް ތައްޔާރުވެލައިގެން ދެއަންހެނުން އެނބުރި އަންނާށެވެ! ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާނަމެވެ. ކިތަންމެ ބޮޑު ހޭދައެއްކޮށްގެންވެސް އިރާދަކުރެއްވިއްޔާ މިރޭ ކައިވެނިވެސް ކުރާނަމެވެ!"
ޒުވާނާ ވީވަޢުދާއިއެއްގޮތަށް އެރޭ ކައިވެނިވެސް ކުރިއެވެ. އެކައިވެނީގައި މިހާރު 15 އަހަރެވެ. ދެމަފިރިން އުޅެމުން އެގެންދަނީ އެންމެ އުފަލުގައެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދެނީ ރަމީޒާ އެންމެ ދަތީޙާލުގައި ހުއްޓައި އޭނާއަށް އެހީތެރިވެދޭން އެދުވަހު މަސައްކަތްކުރި އެކުވެރިޔާއެވެ. މިޙާދިސާގެ ވާހަކަ އެކުވެރިންނަށް ވަރަށް ގިނައިން ކިޔައިދެމެވެ. ކުށެއް ކުރެވުނަސް ތައުބާވެ ﷲ ގެ މަގުގައި ޘާބިތުވެއްޖެނަމަ އެމީހަކަށް ކުރިއަށް ދެވޭނެ މަގެއް ދައްކަވައި ދެއްވަވާނެކަން ބުނެދިނުމަށެވެ.
- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ