ކައިވެނީގެ ކުރިންނާ ބޭރުން ގުޅުން ހިންގާނަމަ ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުން ލިބޭނީ މަދުމީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކައިވެނީގެ ކުރިންނާ ބޭރުން ގުޅުން ހިންގާނަމަ
ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުން ލިބޭނީ މަދުމީހަކަށް!


ކައިވެނީގެ ކުރިންނާއި ބޭރުން ޖިންސީ ގުޅުން ނުހިންގަންވީ އެންމެ ބޮޑު ސަބަބަކީ އެއީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމަކަށްވުމެވެ. ގަދަފަދަ ޢަޛާބު ދެއްވަވާނެ ކަމަކަށްވުމެވެ. އެއިގެ އިތުރުން އެއީ މަދު މީހަކަށް ނޫނީ ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުން ނުލިބޭނެ ކަމެކެވެ.  

އެކަން އެގޮތަށް މެދުވެރިވާ ސަބަބުވެސް ބުނެލާނަމެވެ. އެތައް ބައަކާއެކު ގުޅުން ހިންގުމުން ހުންނާނީ ތަފާތު ތަޖުރިބާތަކެއް ކުރެވިފައެވެ. އެމީހަކަށް އެންމެ ބޮޑަށް އުފާވެރިކަން ލިބުނު ފަރާތަށް އެމީހެއްގެ ޝައުޤުވެރިކަން އޮންނާނެއެވެ. ނޫނީ އެގޮތުން ނޫނީ އެމީހަކަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

ދެން މެދުވެރިވާ ގޮތަކީ ބައިވެރިޔާގެ ކިބައިން ލިބޭ ކަންކަން އެފެންވަރުގައި ނެތްނަމަ ބަލައިނުގަނެވެނީއެވެ. އެފެންވަރުގައި ކަންކަން ކުރަން ބޭނުންވެވެނީއެވެ. ނަމަވެސް ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ވީމާ ހުރިހާ ކަމެއްގައިވެސް ބޮޑެތި ތަފާތުތަކެއް ހުންނާނެއެވެ. އެކަން ބަލައި ނުގަނެވި ހިތް އެދޭގޮތަށް ލެނބެވެނީއެވެ. ބައިވެރިޔާ ކަމުނުގޮސް ވަކިވާން ބޭނުންވެވެނީއެވެ.

ﷲ ތަޢާލާ މީސްތަކުންނަށް ޙަރާމްކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް ޙަރާމްކުރައްވަވާފައިވަނީ މީސްތަކުންނަށް ފައިދާއަކަށެވެ. މިބާވަތުގެ ބޮޑެތި މައްސަލަތައް ކުރިމަތިވާނެތީއެވެ. ޒަވާޖީ ޙަޔާތުގައި ބޮޑެތި މައްސަލަތައް ޖެހޭނެތީއެވެ. ރަނގަޅު ދިރިއުޅުމެއް ނުލިބޭނެތީއެވެ.  

މިބާވަތުގެ ވާހަކަތައް ދައްކަންޖެހެނީ މުސްލިމުންނަކީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރަންޖެހޭ ބައަކަށްވާތީއެވެ. ނަރަކައިން ސަލާމަތްވާންޖެހޭތީއެވެ. ކާމިޔާބު ޒަވާޖީ ޙަޔާތެއް ލިބުމަކީ ނަރަކައިން ސަލާމަތްވެވުމަށް އޮތް އެންމެ ފަހިމަގުކަމަށް ބައެއް ޢިލްމްވެރިން ބަޔާންކުރައްވަވައެވެ

--އުސްތާޛާ މަރްޔަމްގެ ދަރުސަކުން

މިއަދު އޮންލައިން