އެދެޒުވާނުން އެކަކު އަނެކަކު ދެކެ ލޯބިވީ ހުސްއަތާ ތިބެއެވެ. ފިރިހެންކުއްޖާގެ އަތުގައި އޮތް ހަމައެކަނި އެއްޗަކީ ގިނަ މަސައްކަތްތަކެއް ކުރަންއެނގޭކަމެވެ. އޭނާގެ އުންމީދަކީ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ ސޮފްޓްވެއާ އިންޖިނޭރަކަށްވުމެވެ. ނަމަވެސް މަސައްކަތާއިގެން ކުރިއަށް ދެވޭނެ ގޮތެއް ނެތެވެ. އޮތީ އުންމީދެކެވެ.
އެހައި ފަޤީރު ޒުވާނަކާ ކައިވެނިކުރަން އަންހެން ކުއްޖާގެ ޢާއިލާއިން ދެކޮޅުހެދުމުންވެސް ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން ދިރިއުޅެންފެށީ ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ކައިވެނިކުރިތަނާހެން ދެދަރިން ލިބިއްޖެއެވެ. ފިރިމީހާއަށް ލިބޭ މުސާރައިން ދެކޮޅެއް ނުޖެއްސެއެވެ. އެހެންވެ ދިރިއުޅެމުން ދިއައީ ވަރަށް ދަތިޙާލުގައެވެ.
އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބެއެވެ. އެހީތެރިވާން ހުށަހަޅާ ޝަރުޠަކީ ދެމީހުން ވަކިވުމެވެ. ތަނަވަސް ބައެއް އެކުވެރިން އަނބިމީހާއަށް ހުށަހަޅާ ޝަރުޠަކީ އެކުގައި ރޭކުރުމެވެ. އެއީ އެޙާލުގައި އުޅޭއިރުވެސް އޭނާގެ ރީތިކަމުންނެވެ. އެކަމަކު އަންހެންކުއްޖާ އެކަންކަމަށް ދެކޮޅު ހަދައެވެ.
ވަރަށް ދަތިޙާލުގައި އުޅެމުންދަނިކޮށް ބައްދަލުވި މީހަކު ފިރިމީހާއަށް އެހީތެރިވެދޭން އެއްބަސްވިއެވެ. ކުންފުންޏެއް އުފައްދައި ދެމީހުންގެ ޙިއްޞާ އެއްވަރުކޮށް ބާއްވައިގެން ހިންގާ ގޮތަށެވެ. ހުރިހާ ޚަރަދެއް އޭނާކުރާގޮތަށެވެ. މަސައްކަތް އަނެކާ ކުރާ ގޮތަށެވެ.
އެމަސައްކަތްކުރަން ފަށައި ފުރަތަމަ އުފެއްދި ސޮފްޓްވެއާވެސް ވަރަށް ކާމިޔާބެވެ. އިޝްތިހާރުކޮށްލާއިރަށް އޯޑަރުތައް ލިބެން ފަށައިފިއެވެ. 3 އަހަރުވީއިރު ވިޔަފާރިކުރިއަރައި ތަނަވަސް މީހަކަށް ވެވިއްޖެއެވެ. ތަނަވަސްކަން ލިބޭއިރަށް ޢާލާގެ މީހުންތައް ގިނަވެއްޖެއެވެ. ހެޔޮއެދޭ އެކުވެރިންތައްވެސް ފެންނަން ފަށައިފިއެވެ.
ދެމަފިރިން އިޚްތިޔާރުކުރީ ނިކަމެތި ޙާލުގައިވެސް އުޅުނު ފަދައިން އުޅުމަށެވެ. ގިނަބައަކާއި ގުޅުމުގެ ބަދަލުގައި ދެމަފަރިން އެކަނި ކުރިއަށް ދިއުމަށެވެ. މައިންބަފައިންނަށް އެހީތެރިވިނަމަވެސް އެމީހުންނާއިވެސް މާބޮޑު ގުޅުމެއް ނުބާއްވައި ކުރިއަށް ދިއުމަށެވެ.
މިޙާދިސާއިން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި ދަތިޙާލުގައިވެސް ދެމަފިރިން ލޯބިން އެކުގައި އުޅެން މަސައްކަތްކުރާނަމަ އެބައަކަށް ކުރިއަށްދެވޭނެ މަގެއް ފެންނާނެކަން ހިމެނެއެވެ. ހިތާމައަކީ ގިނަ ބައަކަށް އެކަން ޤަބޫލުނުކުރެވޭކަމެވެ. ތަނަވަސްކަން ލިބުމުން ގުޅެން ބޭނުންވި މީހުންނާއި ނުގުޅި ދެމަފިރިން ކުރިންވެސް އުޅުނު ގޮތަށް ދެމަފިރިން އެކަނި ކުރިއަށްދާން ނިންމި ނިންމުމަކީވެސް ބުއްދިވެރި ނިންމުމެކެވެ. ހަކުރަށް މެހިގިނަވާ އުޞޫލަށް ހެއްލުމަކީ ދިރިއުޅުމަށް މައްސަލަތައް ކުރިމަތިވާނެ ކަމަކަށްވާތީއެވެ.
- ޒައިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް