ޢިބްރަތްތެރި ވާހަކަ: ލޯބިވާކަމަށް ބުނެ ނިކަމެތި އަންހެން ކުދިންނަށް އަނިޔާވެރިވާ މީހުންނާމެދު ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތް އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޢިބްރަތްތެރި ވާހަކަ: ލޯބިވާކަމަށް ބުނެ ނިކަމެތި އަންހެން ކުދިންނަށް އަނިޔާވެރިވާ މީހުންނާމެދު ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތް އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އެއީ ޒުވާން ދެލޯބިވެރިއެއްގެ ކައިވެނީގެ ރަސްމިއްޔާތެވެ. އަންހެން ކުއްޖާއަކީ ތަނަވަސް ކުއްޖަކަށްވުމުން ފިރިހެން ކުއްޖާހުރީ ވަރަށް އުފަލުންނެވެ. ކައިވެނީގެ ރަސްމިއްޔާތު ފެށެން ގާތްވެފައިވަނިކޮށް އަންހެންކުއްޖާގެ ކުރީގެ އެކުވެރިއެއްކަމަށްވާ ޒީލާ ވަދެގެން އައުމުން އަންހެން ކުއްޖާ ވަރަށް ކަންބޮޑުވިއެވެ.  

ކަންބޮޑުވީ ލޯބިވެރިޔާ ބުނެދީފައި އޮތްގޮތުން ޒީލާއަކީ އޭނާގެ ފަހަތުން އަޅައިގަނެގެންއުޅޭ ކުއްޖަކަށްވާތީއެވެ. ދެއެކުވެރިންގެ އެކުވެރިކަންވެސް ނެތިގެންދިއައީ ލޯބިވެރިޔާ ދެއްކި އެފަދަ ވާހަކަތަކުގެ ސަބަބުންނެވެ. ޒީލާވަދެގެން އައިސް ދެމީހުންގެ ގާތުގައި ހުއްޓުމުން އަންހެންކުއްޖާ ސުވާލުކުރިއެވެ.  

"ޒީލާއެވެ! ލޯބީގެ އަވާގައި ޖެހިގެން ތިއައައީ އަހުރެމެންގެ ކައިވެނީގެ ރަސްމިއްޔާތު ހަލާކުކޮށްލަން ހެއްޔެވެ؟ އަހުރެންގެ ދިރިއުޅުން ހަލާކުކޮށްލަން ހެއްޔެވެ؟" ޒީލާގެ ޖަވާބަކަށްވީ އަހުރެން މިއައީ ޙަޤީޤަތް ހާމަކޮށްދީ އެކުވެރިޔާ ވެއްޓެން ތިއައުޅޭ އަނދަވަޅުން ސަލާމަތްކުރާށެވެ!  

"ލޯބީގައި ތެދުވެރިވާނެކަމަށާއި ދަރިން ލިބުމުން ލޯބިދޭނެކަމަށް ބުނެ އެކުވެރިޔާއަށް އޮޅުވާލައިގެން ކައިވެނިކުރަން އުޅޭ މީހާގެ ގާތުގައި ނިކަން އަހައިބަލާށެވެ! ކައިވެނިކުރާނެމޭ ކިޔަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަތް މަކަރުވެރި ގޮތެވެ. ބަލިވެއިނުމުން ދެއްކި ބަހަނާތަކެވެ. ވީދެރައިން  އަހުރެންގެ ހިތަށް ތަދުވެ ހާޓްއެޓޭކެއް ޖެހުނުރޭ ހޮސްޕިޓަލަށް ގެންގޮސް އެއްލާލާފައި ފިލިގޮތެވެ. އެދިމާއަށް ނިކަން ބަލައިލަބަލާށެވެ! ތިބާގެވެސް އަދި އަހުރެންގެވެސް އެކުވެރި ނީނާ އުރައިގެން އެހުރީ މިޖިންނި ޝައިޠޯނާއަށް އަހުރެން ވިހޭ ދަރިއެވެ. ނިކަމެތި އަންހެންކުދިންގެ ލޭބޮއެފަ އެއްލައިލާ ޑްރެކިޔުލާގެ ދަރިއެވެ."  

ޒީލާ ފަތްޗަކަށް އަމުނައިލި ވާހަކަތަކުން އޭނާއަށް ލިބުނީ ބޮޑު ޙައިރާންކަމެކެވެ. ލޯބިވެވި ކައިވެނިކުރެވެން މިއުޅޭ މީހާގެ ޙަޤީޤަތް އެނގުމުންނެވެ. ޒީލާއާއި ދެމީހުންގެ ގުޅުން ދުރުވެގެންދިއަ ސަބަބު އެނގުމުންނެވެ. އެއިރު ޒީލާ ހުރީ ރުޅިގަދަވެފައެވެ. އެކަމަކުވެސް ލިބުނު އަނިޔާތަކުގެ ހަނދާންވުމުން ލޮލުން ކަރުނަ ފައިބައެވެ. އެތަންފެނުމުން އޭނާއަށް ވަރަށް އަސަރުކުރިއެވެ.  

މަންމައަށް ގޮވައި ގެނެސް ޒިލާދެއްކި ވާހަކަތައް ކިޔައިދީ، ދަރިފުޅުވެސް ދައްކާފައި ބުނީ ހަމަ ޙަޤީޤަތުގައިވެސް ވެއްޓެވެން އުޅުނު އަނދަވަޅުން ޒީލާ އަހުރެން ސަލާމަތްކޮށްދީފިއެވެ. ޒީލާގެ ކިބައިން އެދުނީ މައިކް ކައިރިއަށް ދަރިފުޅު ގޮވައިގެން ގޮސްހުރެ ހަފްލާއަށް ދަޢުވަތުދިނުމުން އައިސްތިބި އެންމެންނަށް މިނުލަފާ މީހާގެ ޙަޤީޤަތް ކިޔައިދިނުމަށެވެ. ކައިވެނިކުރުން މިހިސާބުން ނިމުނީ ކަމަށެވެ.  

އެހިސާބުން މަކަރުވެރިޔާ ފިލަން އުޅުމުން ގަމީހުގައި ހިފަހައްޓާފައި ބުނީ ދެވޭނީ ޒީލާގެ ވާހަކަ ނިމުމުންކަމަށެވެ. އެމެންގެ ތެރޭގައި ގަދަހަދާކަށްވެސް ނުކެރުނެވެ. ޖެހުނީ ހުރިތަނުގައި ހުންނާށެވެ. ޒީލާ ދެއްކި ހުރިހާ ވާހަކަތަކެއް އަޑުއަހާށެވެ. ދޫކޮށްލީ ޒިލާގެ ވާހަކަ ނިމުމުންނެވެ. އެއިރު ގިނަ ބައަކު ވަނީ ކަންތައް ހިނގައިދިއަގޮތް ސޯޝަލްމީޑިއާގައި ޢާންމުކޮށްފައެވެ. މަކަރުވެރިއެއްގެ ގޮތުގައި ދުނިޔެއަށް ފަޟީޙަތްވެ ނިމިފައެވެ.  

އުންމީދުކުރަނީ މިޙާދިސާސާއިން ގިނަބައަކަށް، ޚާއްޞަކޮށް ލޯބިވާކަމަށްބުނެ ނިކަމެތި އަންހެންކުދިން ދަލުގައި ޖައްސުވާ މީހުންނަށާއި އަނިޔާ ލިބޭ އަންހެނުންނަށް ޢިބްރަތަކަށްވާނެ ކަމަށެވެ. މަކަރުވެރިން މިއަށްވުރެވެސް ބޮޑަށް ފަޟީހަތްކުރަންވީއެވެ.

 

- ސައުސަން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން