ތައުބާވުމުގެ ކުރިން އުޅެވުނު ގޮތާއިމެދު ކަންބޮޑުނުވާށެވެ! ތިބާގެ ޢަމަލުތައްވަނީ ތިބާ ނިމިދިއަ ގޮތެއްގެ މައްޗަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ތައުބާވުމުގެ ކުރިން އުޅެވުނު ގޮތާއިމެދު ކަންބޮޑުނުވާށެވެ! ތިބާގެ ޢަމަލުތައްވަނީ ތިބާ ނިމިދިއަ ގޮތެއްގެ މައްޗަށެވެ!

މިލިޔުން ޚާއްޞަ މިކުރަނީ ކުރިން ކުރެވުނު ފާފަތަކަށް ކަންބޮޑުވާ މީހުންނަށެވެ. އެމީހުން ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފެށުމުން މާޒީ ހަނދާންކޮށްދީ މާޔޫސްކުރުވާތީއެވެ.  

އަޅުގަނޑަކީ ކުރިން ފާފައެއް ކުރެވެމުން އައި މީހަކީމެވެ. ނަމަވެސް މިހާރު އަޅުގަނޑަކީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަމުން އަންނަ މީހަކީމެވެ. އަދި ދީނަށް ނަޞްރުދޭންވެސް މަސައްކަތްކުރަމުން އަންނަ މީހަކީމެވެ. ނަމަވެސް އަޅުގަނޑުގެ މަސައްކަތަށް ހުރަސް އެޅުމަށާ ހިތްވަރު އެލުވާލުވުމަށް ބައެއް މީހުން އެކިއެކި ކަންކަން ކުރެއެވެ.  

މިއަދުނޫހުގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑާއިމެދު އެގޮތަށް ކަންކަންކުޜާ މީހުންނަށް ދީނުގައި މިކަން އޮތް ގޮތް އޮޅުންފިލުވައި ދެއްވުމެވެ.  

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ ކަންކަން ކުރާނެ ބައަކު އަބަދުވެސް އުޅޭތީ ތިއަފަދަ ސުވާލުތައް އަބަދުވެސް ލިބެއެވެ. ބުނެލަން އޮތީ  ފުރަތަމަ ކަމަކަށް އެކަންކަމަށް ކަންބޮޑުވެނުލައްވާށެވެ! މީސްތަކުންގެ ދަރަޖަ އުފުލައްވައި މަތިވެރިކުރައްވަވަނީ ﷲ ތަޢާލާއެވެ. އަދި އެންމެ މުހިންމު ކަމަކީ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ އުފުލިގެންވާ މީހަކުކަމުގައިވުމެވެ. އެކަމަށް ހުރަސް އެޅުމަކީ ހަމަ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ އެއްވެސް މީހަކު ކުރާ ކަމަކަށް ކަންބޮޑުވެނުލައްވާށެވެ!

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!   

"އެމީހެއްގެ ޢަމަލުތައްވަނީ އެމީހަކު ނިމިދިއަ ގޮތެއްގެ މައްޗަށްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ހެޔޮ އަމަލުކުރުންމަތީގައި މަރުވާން މަސައްކަތްކުރަނީ މި ސްބަބަށްޓަކައެވެ."  

"އެކަމުގެ ދަލީލުތައް ފެންނަން އެބަހުއްޓެވެ! ރަސޫލް ﷺ އަށް އެންމެ ބޮޑު އެހީތެރިކަމާއި ޙިމާޔަތް ދެއްވި އަބޫޠާލިބްގެފާނު މުޝްރިކެއްގެ ގޮތުގައި އަވަހާރަވީތީ ރަސޫލް ﷺ ދުޢާ ކުރެއްވެވުމުން ވެސް ﷲ ތަޢާލާ ވަނީ އެކަން ޤަބޫލުފުޅު ނުކުރައްވަވައިފައިކަން ޤުރްއާނުން އެނގެން އެބައޮތެވެ. އަދި 100 މީހުން މެރިމީހާ ތައުބާވުމުން އޭނާގެ ތައުބާ ޤަބޫލުފުޅުކުރެއްވެވިކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ! ހަމަ އެކަނި މިދެ ޙާދިސާއިންވެސް މީހާގެ ޢަމަލުތައްވަނީ އެމީހާ ނިމިދިއަ ގޮތެއްގެ މައްޗަށްކަން އެނގި ޔަޤީންވެގެންދެއެވެ."  

"މީސްތަކުންނޭވެ! އެއްވެސް މީހެއްގެ ކުށް ހޯދައި ފަޟީޙަތްކުރުން ހުއްދަވެގެނެއް ނުވެއެވެ. ސިއްރުން ކުރެވިފައިވާ ފާފައެއް ނަމަ ތައުބާވުމުން އެކަން ނިމިގެންދެއެވެ. މީސްތަކުންގެ ކުރިމަތީގައި ކުރެވިފައިވާ ކުށެއްނަމަ އެމީހަކު މީސްތަކުންގެ ކުރިމަތީގައި ތައުބާވުމުން އިތުރަށް އެކަމުގެ ވާހަކަ ދެއްކުން ހުއްދަވެގެނެއް ނުވެއެވެ."

 

- މުފްތީ މެންކުގެ ބަސްފުޅުން

 

މިއަދު އޮންލައިން