ފިރިމީހާ މަސައްކަތުން އެނބުރިއައީ ވަރަށް ވަރުބަލިވެހުރެއެވެ. ބުނީ މަސައްކަތްބުރަކަމުން ބޮލުގައި ރިއްސާ ކަމަށެވެ. ފިރިމީހާ ގާތުގައި ސޯފާގައި މަޑުކޮށްލަން ބުނެފައި އަނބިމީހާ ގޮސް ފެންތަށްޓެއް އަޅައި އަލްޙަމްދު ކިޔަވައި ފުމެލައި، އަދި ފިރިމީހާއަށް ލުއިކަން ދެއްވެވުން އެދި ދުޢާކޮށްފައި ގެންގޮސް ފިރިމީހާއަށްދީފައި ބުނީ ބޮއެލުމަށެވެ.
އިރުކޮޅެއް ފަހުން ބުނީ ވަރަށް ބޮޑަށް ލުއިވެއްޖެކަމަށާއި އެފެންތަށްޓަށް ކުރީ ކޮންކަމެއްތޯއެވެ؟ އަނބިމީހާ އޭނާ ކަންތައްކުރި ގޮތް ކިޔައިދީފައި ބުންޏެވެ. "ލޯބިވާ ފިރިމީހާއެވެ! އެތަށީގައި ހުރި ފެނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމަށެވެ. އަހުރެމެންނަށް އޮތީ ކޮންމެ ކަމެއް ކުރިމަތިވިޔަސް ﷲ ގެ ޙަޟްރަތުން ރަޙްމަތަށް އެދުން ކަމަށެވެ. އެކަކު އަނެކަކަށްޓަކައި ދުޢާކުރުން ކަމަށެވެ.
ގިނަގިނައިން އަނބިމީހާ ﷲ ހަނދުމަކޮށްދޭތީ އޭނާއަށް ޝުކުރުވެރިވާ ކަމަށެވެ. އެކަންކޮށްދޭ އަންތބަކު ދެވެވިކަމަށްޓަކައި ޙަމްދުކުރާ ކަމަށެވެ. އަނބިމީހާވެސް ހަމައެފަދަ ހެޔޮ ބަސްތަކެއް ފިރިމީހާއަށް ރައްދުކުރިއެވެ.
ދެން ނިކަން ބުނެބަލާށެވެ! މިފަދައިން ޢަމަލުކުރާ ދެމަފިރިއެއްގެ މެދުގައި އޮންނާނީ އުފާވެރިކަން ނޫން އެހެން ކޮންކަމެއް ހެއްޔެވެ؟ ޝައިޠޯނާއަށް އެފަދަ ދެމަފިރިއެއްގެ ދެމެދަށް ވަދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ މިއީ ކޮންމެ މުސްލިމް ދެމަފިރިއަކަށްވެސް ރަނގަޅަށް އެނގޭނެ ކަންކަމެވެ. ހިތާމައަކީ ޢަމަލުނުކުރެވޭ ކަމެވެ. ޢަމަލުނުކުރެވޭތަނުގައި ދިމާއިދިކޮޅަށް ކަންކަން ކުރެވޭ ކަމެވެ.
- ޢަލީ ޖަމާލް / މިއަދުނޫސް