ސެޕްޓެންބަރު 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.69 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ސެޕްޓެންބަރު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.7% އިތުރު އަދަދެކެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއީ %10.7 ގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މިއީ %8.9 ގެ ކުރިއެރުމެކެވެ.
ސެޕްޓެންބަރު 2026 އަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީއާއި، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ޚާއްޞަކޮށް ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިތުރުވެފައިވަނީ، މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %18 އިތުރުވުމާ ގުޅިގެންނެވެ. ހަމައެއާއެކު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު ޢަދަދު ވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ މައްޗަށް ގޮސްފައެވެ. ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީގެ15.8% އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 17.4% ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.
ސެޕްޓެންބަރު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީ 10.7% ދަށްވި މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި އާންމުދާއިރާގެ ޖީ.އެސް.ޓީ ދަށްވުމެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ސެޕްޓެންބަރު 2026 ގައި ވަނީ ޖުމްލަ 623 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 395 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 87 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 123 މިލިއަން ރުފިޔާ ވަނީ ހޯދައިފައިވެއެވެ. ހަމަމިއާއެކު، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 10 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 8 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.
ސެޕްޓެންބަރު 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 46.8% ނުވަތަ 1.3 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލިންނެވެ. އެއީ 15.8%ނުވަތަ 424 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 213 މިލިއަން ރުފިޔާ (7.9%)، ގްރީން ޓެކުހުގެ ގޮތުގައި 202 މިލިއަން ރުފިޔާ (7.5%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި177 މިލިއަން ރުފިޔާ (6.6%)، އަދި ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 173 މިލިއަން ރުފިޔާ (6.4%) ލިބިފައިވެއެވެ.
ސެޕްޓެންބަރު 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.81 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 1.2 ބިލިއަން ޑޮލަރުވެސް ހިމެނެއެވެ.