އަސާސީ 80 ބާވަތް ހެޔޮ އަގުގައި ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އަސާސީ 80 ބާވަތް ހެޔޮ އަގުގައި ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

އިގުތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް، އެސްޓީއޯއިން ކަނޑައަޅާ ހެޔޮ އަގުތަކެއްގައި އަސާސީ 80 ބާވަތުގެ މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތަކީ، ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި، ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

އިގުތިޞާދީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ އަތޮޅުތަކަށް އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބާވަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. މީގެ ކުރިން އަތޮޅުތަކަށް އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް ފޯރުކޮށްދެމުން ދިޔައީ ހަމައެކަނި ހަނޑޫ، ހަކުރު އަދި ފުށެވެ.

ނަމަވެސް، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި، ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންދވާ މަސައްކަތުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަސާސީ ބާވަތްތަކުގެ ލިސްޓު 26 ބާވަތުން 80 ބާވަތަށް އިތުރުކުރައްވާފައެވެ. އެ ނިންމެވުމާ ގުޅިގެން އެސްޓީއޯއިން މިހާރު ވަނީ މި 80 ބާވަތް ރާއްޖެއަށް އެތެރެކުރަން ފަށާފައެވެ.

މިހާރު އެސްޓީއޯއިން ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އަސާސީ 80 ބާވަތުގެ ތެރޭގައި ހިމެނެނީ:

- 20 ބާވަތުގެ މޭވާ - 20 ބާވަތުގެ ތަރުކާރީ - އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ ކާބޯތަކެތީގެ 37 ބާވަތް - ކާބޯތަކެތި ނޫން އަސާސީ 3 ބާވަތް

އަތޮޅުތަކަށް މި ތަކެތި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއާއެކު ހަރަކާތްތެރިވާ އޭޖެންޓުންގެ ލިސްޓެއް އިގުތިޞާދީ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. މިގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ހެޔޮ އަގުގައި ރައްޔިތުންނަށް ބޭނުންވާ މުދާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މިއަދު އޮންލައިން