ރާއްޖޭގައި ނުކުޅުދުންތެރިކަން ހުންނަ މީހުންගේ ދަފްތަރުގައި 15,885 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، އެފަރާތްތަކަށް މާލީ އެހީތެރިކަމުގެ ގޮތުގައި 59 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާއްމުކުރި ސެޕްޓެންބަރު 2026 ގެ ނިޔަލަށް ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 6,710 އަންހެނުންނާއި 9,175 ފިރިހެނުންނެވެ. އޭގެ ތެރޭގައި އެ މުއްދަތުގައި އަލަށް ރަޖިސްޓްރީކުރި 263 މީހުން ހިމެނެއެވެ.
އުމުރުފުރާތަކަށް ބަލާއިރު، 19 އަހަރުން ދަށުގެ 5,396 ކުދިން (1,659 އަންހެން ކުދިން އަދި 3,737 ފިރިހެން ކުދިން) ދަފްތަރުގައި ހިމެނެއެވެ. އަދި 18 އަހަރާއި 64 އަހަރާ ދެމެދުގެ 8,095 މީހުން (4,150 ފިރިހެނުން އަދި 3,944 އަންހެނުން) ރެޖިސްޓްރީވެފައިވާއިރު، 65 އަހަރުން މަތީގެ 2,395 އުމުރުން ދުވަސްވީ މީހުން (1,288 ފިރިހެނުން އަދި 1,107 އަންހެނުން) ހިމެނެއެވެ.
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ދަށުން، 15,571 މީހަކަށް ޖުމްލަ 59,213,000 (ފަންސާސް ނުވަ މިލިއަން ދެ ލައްކަ ތޭރަހާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، ނުކުޅުންތެރިކަން ހުންނަ 157 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާއަށް އެހީގެ ގޮތުގައި 4,834,087 (ހަތަރު މިލިޔަން އަށް ލައްކަ ތިރީސް ހަތަރު ހާސް އަށްޑިހަ ހަތް) ރުފިޔާ ފޯރުކޮށްދީފައިވެއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އިޖުތިމާއީ އިތުރު އެހީތައްވެސް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން:
ތެލެސީމިއާ އެލަވެންސް: 541 މީހުންނަށް ޖުމްލަ 1,082,000 (އެއް މިލިޔަން އަށްޑިހަ ދެ ހާސް) ރުފިޔާ ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި އަލަށް މާލީ އެހީ ހަމަޖެއްސި 6 މީހުން ހިމެނެއެވެ.
އެކަނިވެރި މައިންބަފައިންގެ އެހީ: ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ 3,313 މައިންނާއި ބަފައިންނަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި އަލަށް ރަޖިސްޓްރީކުރި 31 މައިންބަފައިންނާއި 119 ކުދިން ހިމެނޭއިރު، މާލީ އެހީ ލިބޭ 5,708 ކުދިންނަށް ޖުމްލަ 17,151,000 (ސަތާރަ މިލިޔަން އެއް ލައްކަ ފަންސާސް އެއްހާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.