ރަސްމާލޭގައި ކުރިއަށްގެންދާ "ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢުގެ ތެރެއިން ދިވެހިންނަށް ހަމައެކަނި ވަޒީފާގެ ފުރުޞަތުތަކެއް ނޫން ކަމަށާއި، އެތަނުގައި ފިހާރަތައް ހިންގައި ވިޔަފާރި ކުރުމުގެ ބޮޑެތި ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް އެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެމީޑިއާއަށް ދެއްވި ބަސްތީގަތުމެއްގައި އަލްއައްބާރު ވިދާޅުވީ، ރަސްމާލޭގެ ތަރައްޤީގެ މަޝްރޫޢު ކުރިއަށް ގެންދާނީ ދިވެހިންނަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ. އެގޮތުން، މި މަޝްރޫޢަށް ބޭނުންވާ ހުރިހާ ސަޕްލައިއެއް ދިވެހިންގެ އަތުން ލިބެން ހުރިނަމަ ގަންނާނީ ދިވެހި ވިޔަފާރިތަކުން ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން އުފެދިގެންދާނެ ފުރުޞަތުތަކަށް އަލިއަޅުއްވާލައްވަމުން އަލްއައްބާރު ވިދާޅުވީ، އިމާރާތްކުރުމުގެ މަސައްކަތް ނިމޭއިރު އެތަން ބެލެހެއްޓުމާއި، މަރާމާތުކުރުމާއި، އަދި އެކި ޚިދުމަތްތައް ދިނުމަށް 15،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ބޭނުންވާނެ ކަމަށެވެ.
"މިއީ ހުރިހާ އެއްޗެއް ގަންނަން ޖެހޭ ސަހަރެއް. މަހުން ފެށިގެން ގަހާއި މޭވާއާ ހަމައަށް ގަންނަންޖެހޭނެ. އަޅުގަނޑު ޤަބޫލުކުރަނީ އިސްކަން ދޭންޖެހެނީ ދިވެހި ވިޔަފާރިތަކަށް،" އަލްއައްބާރު ވިދާޅުވިއެވެ.
އޭނާ އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ރަސްމާލޭގައި މަދުވެގެން 1,500 ފިހާރަ ހުޅުވިގެންދާނެއެވެ. އެތަންތަން ހިންގުމުގައި ދިވެހި ވިޔަފާރިވެރިންނަށް އިސްކަންދޭނެ ކަމަށާއި، ބައެއް ހާލަތްތަކުގައި މާލީ އެހީތެރިކަމާއި، ތަންތަން މަރާމާތުކޮށްދިނުމާއި، ބައިނަލްއަޤްވާމީ ކުންފުނިތަކާ ގުޅުވައިދިނުން ފަދަ އެހީތެރިކަންވެސް އީގަލް ހިލްސްއިން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި މޮޑެލްއަކީ އެހެން ޤައުމުތަކުގައިވެސް އެކުންފުނިން ބޭނުންކޮށްގެން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ މޮޑެލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ހިއްކަމުންދާ ރަސްމާލޭގެ ބިމުން 500 ހެކްޓަރު "މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢަށް ޚާއްޞަކޮށްފައިވާއިރު، ތަރައްޤީގެ މަރުޙަލާގެ ތެރޭގައި މި މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމެންޓް 20 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން، މި މަޝްރޫޢާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަހަރަކު އިތުރު މިލިއަނަކުން އިތުރުވެގެންދާނެ ކަމަށްވެސް އަންދާޒާ ކުރެވެއެވެ.