ވަޒީރުންގެ "އަހާ" ފޯރަމްގެ 9 ވަނަ ފޯރަމް މިރޭ؛ 3 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ވަޒީރުންގެ "އަހާ" ފޯރަމްގެ 9 ވަނަ ފޯރަމް މިރޭ؛ 3 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ!

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ "އަހާ" ސިލްސިލާ ފޯރަމްގެ 9 ވަނަ ފޯރަމް، 3 ވަޒީރަކާއެކު މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިރޭ 21:00 ގައި ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އާއި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.

މި ފޯރަމްގެ މައިގަނޑު މަޤުޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތާއި އަދާހަމަ، ވީހާވެސް ތަފްޞީލުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ދާއިރާތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް، އެ ވުޒާރާތަކުގެ އެންމެ އިސް މަސްޢޫލުވެރިންގެ ފަރާތުން ސީދާ ޖަވާބު ހޯދުމުގެ ފުރުޞަތު މި ފޯރަމުން ފަހިވެގެންދާނެއެވެ.

ދެ ގަޑިއިރަށް ކުރިއަށްދާ މި ފޯރަމްގައި ބައިވެރިވުމަށް ސަލްޓަން ޕާކަށް ގޮސްގެން ސުވާލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މީގެއިތުރުން، އޮންލައިންކޮށް މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުރެގެންވެސް ފޯރަމްގައި ބައިވެރިވެވޭނެއެވެ. އެގޮތުން ފޭސްބުކް، އެކްސް އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލު ހުށަހެޅޭނެއެވެ.

ސަރުކާރުގެ މަސައްކަތްތަކާމެދު ރައްޔިތުން ސުވާލުކޮށް މަޝްވަރާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށި "އަހާ" ފޯރަމްގެ 8 ފޯރަމެއް މިހާތަނަށް ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ.

މިއަދު އޮންލައިން