އަންހެންކުދިން ބާރުވެރިކުރުވުމަކީ ޤައުމުގެ މުސްތަޤްބަލް ބިނާކުރުން: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަންހެންކުދިން ބާރުވެރިކުރުވުމަކީ ޤައުމުގެ މުސްތަޤްބަލް ބިނާކުރުން: މެޑަމް ސާޖިދާ

ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްވި މެސެޖެއްގައި، އަންހެންކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެ ކުދިންގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމުގެ މުސްތަޤްބަލާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ވިދާޅުވެއްޖެއެވެ.

އަންހެންކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، މި ދުވަސް ފާހަގަކުރާއިރު ރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެންކުދިންގެ ހިތްވަރާއި، އުންމީދުތަކާއި، އެ ކުދިންގެ ކިބައިގައިވާ ނިމުމެއް ނެތް ޤާބިލުކަން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި އަންހެންކުދިންނަކީ ލީޑަރުންނާއި، އާ އީޖާދުތައް އުފައްދާ ފަރާތްތަކާއި، ހެޔޮ ބަދަލުތައް ގެނެސްދޭ ބައެއްކަން ފާހަގަކުރައްވަމުން، އެ ކުދިންގެ އަޑާއި ހުނަރާއި ލީޑަރޝިޕްގެ ސަބަބުން މުޖުތަމަޢުތައް އިތުރަށް ވަރުގަދަވެ ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ތަޢުލީމީ ދާއިރާއާއި، ޢާންމު ޚިދުމަތްތަކާއި، ވިޔަފާރިވެރިކަމާއި، ކުޅިވަރުގެ އިތުރުން މުޖުތަމަޢުގެ ލީޑަރޝިޕްގައި ދިވެހި އަންހެންކުދިންނާއި ޒުވާން އަންހެނުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ދެމުންދާ އަގުހުރި ޚިދުމަތްތައް ރާއްޖެއިން ފެންނަމުންދާކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އަންހެންކުދިންގެ އަގުހުރި ޚިދުމަތްތަކާއި ހޯދަމުންދާ ކާމިޔާބީތަކަކީ ވަރުގަދަ އަދި ދެމެހެއްޓެނިވި ޤައުމުތަކެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމަށެވެ.

މިއަދު އޮންލައިން