ތިބާގެ އަނބިމީހާއަކީ ހެޔޮލަފާ ތަޤްވާވެރިއަކުނަމަ އެއީ އަގުބޮޑު ޖަވާހިރެއް! ލޮލަށް ފެންނަ އެތައް ހާސް ރީތި އަންހެނުންނަށްވުރެ އޭނާގެ އަގު މާބޮޑުވެފަ މާގިނަ ފައިދާތައް ކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ތިބާގެ އަނބިމީހާއަކީ ހެޔޮލަފާ ތަޤްވާވެރިއަކުނަމަ އެއީ އަގުބޮޑު ޖަވާހިރެއް! ލޮލަށް ފެންނަ އެތައް ހާސް ރީތި އަންހެނުންނަށްވުރެ އޭނާގެ އަގު މާބޮޑުވެފަ މާގިނަ ފައިދާތައް ކުރާނެ!

އަޅުގަނޑުމެންގެ ވިސްނުމަށް ޝައިޠޯނާ ވައްދުވާ ކަންތައްތަކުގެ ސަބަބުން ތިމާއަށް ލިބޭ ހެޔޮލަފާ، ތަޤްވާވެރި އަނބިން ދޫކޮށްލައި ރީތި އަންހެނުންގެ ފަހަތުން ދުވެވޭ ފިރިން ވަރަށް ގިނައެވެ. އަދި އެފަދަ އަނބިންވެސް ތިބެއެވެ. އެމީހުންނަށް ކުރެވޭ ކުށުގެ ބޮޑުކަން ވަޒަންކުރެވެނީވެސް ލިބޭ ގެއްލުންތައް ބޮޑުވެ އެކަންކަމުން އަރައި ނުގަނެވުނީމައެވެ.  

ޒަވާޖީޙަޔާތުގެ ބައިވެރިޔާއަށް ބަލާނަމަ ރީތިވާންވީ ބޭރުފުށުގެ ސިފަތޯ ނޫނީ އެތެރޭގައި ފޮރުވިފައި އޮތް ހިތްތޯ ސުވާލުކުރާނަމަވެސް އެއީ މައްސަލައެކެވެ. އެންމެ ބޮޑު ސަބަބަކީ ބޭރުފުށުގެ ސިފައަކީ ދާދިއަވަހަށް ބަދަލުވާ އެއްޗެކެވެ. ރީތިކަން ދެމިހުންނާނީ މަދު ދުވަސްކޮޅަކަށެވެ. ނަމަވެސް ހިތުގެ ރީތިކަން އބަދުވެސް އެމީހަކާއިއެކުގައިވާނެއެވެ. އަދި އުފާވެރި ދިރިއުޅުމަކަށް އެންމެ މުހިންމީ ރީތި ހިތެއް ކަމަސްވާތީއެވެ.  

އެކަން ބަޔާންކުރައްވައި ޢިލްމުވެރިއަކު ވިދާޅުވެފައިވާ މިވާހަކަކޮޅުން އެކަނިވެސް ޖަވާބު ލިބިގެންދެއެވެ.  

އަނބިމީހާއަށްވުރެ މާރީތި އަންހެނަކު ފެނުމުން އަނބިމީހާ ވަރިކޮށް އޭނާ އާއި ކައިވެނިކުރަން ބޭނުންވި ޒުވާނެއްގެ ގާތުގައި ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ!  

ތިބާގެ އަނބިމީހާއަކީ ވަރަށް ހިތް ރީތި އަންހެނެކެވެ! އޭނާގެ އަޚަލާޤާއި ތަޤްވާވެރިކަން ހުރިވަރު އަހުރެންނަށް ރަނގަޅަށް އެނގެއެވެ. ވީމާ ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ؟  

ރީތި އެންމެ ހިތެއް ލިބުނަސް ރީތި 1000 މޫނު ލިބުމަށްވުރެ މާފައިދާ ބޮޑެވެ! ރީތިވާން އުފައްދަމުންދާ ކިރިމިތަކާ ލޯޝަންތަކުގެ ސަބަބުން ރީތި، ކުލައަލި ދޮން މޫނުތައް މިހާރު ވަރަށް ގިނައެވެ. ރީތި ހިތެއް ލިބުން މިހާރު މިވަނީ ވަރަށް ދަތި، އުނދަގޫ ކަމަކަށްވެފައެވެ. ހަމަ މަދުކަމުންނެވެ. ކިތަންމެ ބޮޑު އަގެއް ދީގެންވެސް ގަނެވޭނީ ލިބެންހުރިނަމަ ނޫންހެއްޔެވެ؟  

ވީމާ ރީތި މޫނެއް ހޯދަން ރީތި ހިތެއް އެއްލާލައިފިނަމަ އެކަން ވާނީ އަމިއްލަ ނަފްސަށް ދެވޭ ވަރަށް ބޮޑު ގެއްލުމަކަށެވެ! ވަރަށް ބޮޑު އަނިޔާއަކަށެވެ! އަދި އެއީ ފޫބެއްދޭނެ ކަމެއްވެސް ނޫނެވެ. ސަބަބަކީ ރީތި ހިތެއްކަން އެނގޭއިރަށް އެއިގެ އަގު އެނގޭ އެންމެން ދަހިވެތިވެ އަވަސް އަވަހަށް ޖަހައިގަންނާނެތީއެވެ. ފަހުން ކިތަންމެ ބޮޑު އަގެއްދިންނަމަވެސް އަނބުރައި ގަންނަންވެސް ނުލިބޭނެތީއެވެ.  

ވީމާ ތިއައީ ހަމަ އެއްގޮތަކަށްވެސް ކުރަންހެޔޮވާވަރުގެ ކަމެއް ނޫނެވެ!  

(މިވާހަކައިގެ އަޞްލު އަނބިމީހާ ވަރިކުރަން އުޅުނު ފިރިއަކަށް ނިޞްބަތްވިނަމަވެސް މިފަދަ ސަބަބުތަކަށްޓަކައި ހެޔޮލަފާ ފިރިންގެ ގާތުން ވަރިވާ އަނބިންނަށްވެސް މިއީ ހަމަ ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން