މަންމަ ފިރިހެން ދަރިފުޅަށް ޒިޔާރަތްކުރީ ކައިވެނިކޮށްގެން ގެއިން ނުކުމެގެންދިއަތާ 3 ވަނަ މަހުއެވެ. މަންމަ ސިޓިންގ ރޫމްގައި އިންއިރު ފެންނަމުން ދިއައީ ދަރިފުޅު އަނބިމީހާއަށް ހަރުކަށި އަމުރުތައް ކުރަމުން ގެންދާ ތަނެވެ. އެވެނި މަސައްކަތެއް، މިވެނި މަސައްކަތެއް ކުރަންބުނެއެވެ. އަނބިމީހާ ބަހެއް ނުބުނެއެވެ. ކުރާ އަމުރުތަކަށް ކިޔަމަންވާން މަސައްކަތްކުރެއެވެ. ނަމަވެސް އަނބިމީހާގެ މޫނުމަތިން ފެންނަނީ ަވރުބަލިކަމާއި މާޔޫސްކަމެވެ.
ކައްކަން އެންގި އެއްޗެތި ކެކުން ލަސްވެގެން އަޑުގަދަކުރަން ފެށުމުން މަންމަ ޅީދަރިފުޅަށް އެންގީ އެހިސާބުން ކެއްކުން ހުއޓާލައިފަ ކޮޓަރިއަށް ގޮސް އަރާމުކުރުމަށެވެ. ފިރިމީހާ ރުޅިގަދަކުރާނެ ކަމަށްބުނުމުންވެސް ބުނީ މިއަމުރުކުރަނީ ފިރިމީހާގެ މަންމަ ކަމަށެވެ.
އަނބިމީހާ ކޮޓަރިއަށް ދިއުމުން ދަރިފުޅަށް އެންގީ ކައްކައި ނިންމުމަށާއި އަނބިމީހާއަށް ނުކުރެވިހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ. ދަރިފުޅު ތިމަންނާއަކީ ގޭގެ ވެރިމީހާ ނޫންތޯ ސުވާލުކުރުމުން މަންމަ ބުނީ އެކަންކަން ކުރަންޖެހެނީ ގޭގެ ވެރިމީހާކަމަށްވީތީ ކަމަށެވެ.
"ދަރިފުޅާއެވެ! އަނބިމީހާއަށް ގޭގެ މަސައްކަތްތައް ކުރުން ޚާއްޞަވުމަކީ ޘަޤާފީ ކަމެކެވެ. އެކަން އެގޮތަށް އޮތުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެއިގެ މާނައަކީ އަނބިމީހާއަކީ އަރާމެއް ނެތި 24 ގަޑިއިރު މަސައްކަތްކުރާ ރޮބޮޓަކަށް ހެދުމެއް ނޫނެވެ. އެއީ އެއްވެސް އިންސާނަކަށް ޖައްސަން ހެޔޮވާނެ ޙާލެއް ނޫނެވެ.
އަނބިމީހާ އޭނާއަށް ކުރެވޭ ވަރަކަށް މަސައްކަތްކުރަމުން ގެންދާއިރުވެސް ކަންކަން ލަސްވާނަމަ މަސައްކަތުގައި ބައިވެރިވާށެވެ. އެހީތެރިވެދޭށެވެ. ދަރިފުޅަށް އެކަންކަން ނުކުރެވޭނެ ނަމަ އަނބިމީހާއަށް ޝުކުރުވެރިވާށެވެ. ރުޅިއައިސްގެން ބަސްބުނުމުގެ ބަދަލުގައި ތަޢްރީފްގެ ބަސްބުނެ ހިތްވަރުދޭށެވެ.
އަހުރެމެންނަކީ މުސްލިމުންނެވެ. ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަންވާނީ ޤުރްއާނާއި ސުންނަތަށެވެ. ދަރިފުޅު ތިއަބުނާ ގޮތަށް ގޭގެ ބޮސްހެދުމަކީ ޖާހިލިއްޔަ ޒަމާނުގައި އޮތް ޘަޤާފަތެވެ. ސުންނަތްވަނީ އެ ޘަޤާފަތުގެ މައްޗަށް ކުރިހޯދާފައެވެ. އެއީ ރަނގަޅު ގޮތް ނޫންކަމާއި ބޮސްކަމަށްވުމަކީ އަނބިމީހާއަށް އެހީތެރިވާން ނުޖެހޭ ސަބަބެއް ނޫންކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އުންމަތަށް ދަސްފުޅުކޮށް ދެއްވަވައިފައެވެ. ވީމާ ދަރިފުޅު ތިއަ މުގުރަނީ ސުންނަތެވެ. އެގޮތަށް އެކަން ނުކުރާށެވެ! ކުރިން ޢަމަލުކުރެވިނު ގޮތަށް އަނބިމީހާގެ ކިބައިން މަޢާފަށް އެދޭށެވެ. ދެން އެފަދަ ކަމެއް ތަކުރާރުނުކުރާށެވެ! ﷲ ގެ ރުހިވޮޑިގަތުން ދަރިފުޅަށް އިތުރުވަމުންދާނީ އެއިރުންނެވެ."
ދަރިފުޅު މަންމަގެ ނަޞީޙަތް ޤަބޫލުކުރިއެވެ. އަނބިމީހާ އޭނާއަށް މާފުކުރިއެވެ. ނަތީޖާއަކަށްވީ ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހި އުފަލުގައި އުޅެވެން ފެށުމެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީ އެމައިދައިތަ ދަރިފުޅަށް އެދިން ނަޞީޙަތަކީ ވަރަށް އަގުހުރި ފިލާވަޅަކަށްވާތީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް