ޢިބްރަތްތެރި ވާހަކަ-: އަންހެނެއްގެ ބޭނުމުގަ ސިޙުރުހެދި ސިޙުރުވެރިއަކު އެތައް ދުވަހެއް ވަންދެން އަނގައިން ފޮނުއަރުވާފައި ނިމިދިއަ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޢިބްރަތްތެރި ވާހަކަ-: އަންހެނެއްގެ ބޭނުމުގަ ސިޙުރުހެދި ސިޙުރުވެރިއަކު އެތައް ދުވަހެއް ވަންދެން އަނގައިން ފޮނުއަރުވާފައި ނިމިދިއަ ޙާދިސާއެއްގެ ވާހަކަ-

އަޅުގަނޑަށް އަޅުގަނޑުގެ ބައްޕައާއިބެހޭ ގޮތުން އެނގިފައި އޮތީ ވަރަށް ކުޑަ މިންވަރެކެވެ. އެއީ ވަރަށް ބަލިވެ އުޅެފައި ނިޔާވި ކަމެވެ. އެއިރު އަޅުގަނޑުގެ ޢުމުރަކީ 7 އަހަރެވެ. އެހެންކަމުން ޙަޤީޤަތުގައި މާބޮޑަށް ދެރަވާކަށްވެސް ނުއެނގުނެވެ. އެކަމަކު ބައްޕަ ނިޔާވުމުން ބައްދަބައްދާފައި ރޮވުނެވެ.  

އަޅުގަނޑުގެ ޢުމުރުން 22 އަހަރުގައި މަންމަ މަރުބަލީގައި ހޭދަކުރަމުންދިއަ ދުވަސްވަރު ވަރަށް ގިނަ ވަޤުތު މަންގެގާތުގައި ހޭދަކުރީމެވެ. އެއިރު މަންމަ ވަރަށް ގިނަ ވާހަކަތައް ކިޔައިދިނެވެ. އެތަނުން އެންމެ އަސަރުކުރި ވާހަކަ މިކިޔައިދެނީއެވެ.  

"މިރަށުގައި އުޅުނު ފަންޑިތަ ހަދަން މަޝްހޫރު ކަރީމްބެއަކީ ޙަޤީޤަތުގައި ސޙުރުވެރިއެކެވެ. ދެމީހުން ފޮނުވާފައި ބައްޕަގެ ގާތުން ވަރިވެ އޭނާއާއި ކައިވެނިކުރަން ބުންޏެވެ. އެކަމަށް މަންމަ ދެކޮޅުހެދީމެވެ. ދެން މަގުމަތިން ބައްދަލުކޮށްފައި ބުނީ މޮޅުވާ ކޮޅެއް ބަލައިލާނެ ކަމަށެވެ. ބައްޕަ ބަލިވީ އެއިގެ ދެތިންދުވަސްފަހުންނެވެ. ބައްޕަ ނިޔާވީ އެބަލީގައެވެ.  

ބައްޕަ މަރުވީ ކަރީމްބެ ކުރިކަމަކުން ކަމަސް ބުނާކަށް ނެތީމެވެ. އެކަމަކު މިބުނީ ދެކެވުނު ވާހަކަތަކެވެ. ދެން މަންމަ ހުރީ ވަރަށް ބިރުންނެވެ. މަންމައަށް ވެދާނެ ގޮތަކަށެވެ. ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބުނީ ބައްޕަ ނިޔާވިތާ 8 އަހަރު ފަހުން ކަރީމްބެ މަރުވީމައެވެ. ކަރީމްބެ މަރުވީ ވަރަށް ޙާލުގައި އުޅެފައެވެ. އެތައް ދުވަހެއް ވަންދެން ބަލިވެ އުޅުނެވެ. އެންމެ ފަހު ދުވަސްތަކުގައި ހޭވެސް ނެތުނެވެ. ހޭނެތިފައި އޮންނައިރު އަނގައިން ފޮނުވެސް އަރުވައެވެ.  

ވަރަށް ގިނައިން މަންމަ ގާތުގައި ވާހަކައެއް ބުނަން ބޭނުންކަމަށްބުނެ ބަލައި ފޮނުވިއެވެ. އެކަމަކު މަންމަ ނުދަމެވެ. ﷲ އަށް ވަކީލްކޮށްލައިގެން ހުރީއެވެ. ދަރިފުޅާއެވެ! އެމީހަކު ކުރިކަމެއް އޮންނާނީ އެމީހަކަށެވެ. އެއްވެސް މީހަކަށް ހިތުގައި ޙަސަދަނުލާށެވެ! ކިތަންމެ މޮޅަށް ސިޙުރު ހެދިޔަސް ކަންކަންވާނީ ﷲ އިރާދަކުރައްވާ ގޮތަކަށެވެ. އަދި ކޮންމެ މީހަކުވެސް މަރުވާނީ އެމީހެއްގެ ވަޤުތު ހަމަވުމުންނެވެ."  

އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ އެންމެ ބޭނުމަކުއެވެ. ކޮންމެހެން ކަރީމްބެ ކުށްވެރިކުރާކަށްވެސް ނޫނެވެ. ބޮޑަށް ބޭނުމީ މަންމަގެ ޘާބިތުކަން ހާމަކުރާށެވެ. އެކަމަކު އެންމެ ބަހެއް ބުނެލާނަމެވެ. އެއީ އަޅުގަނޑަށް ވިސްނޭގޮތުން ސިޙުރިވެރިންނަށް އެމީހަކު ބޭނުންހައި ކަމެއް ކުރެވޭނަމަ ކަރީމްބެއަށް މަންމަޢާއި ކައިވެނިކުރެވުނީހެވެ. އޭނާ ނިމިގެން އެދިއައީ އޭނާ ބޭނުންވިކަންތައް ޙާޞިލުނުކުރެވިއެވެ.  

ދުޢާއަކީ މަންމައާއި އަދި ބައްޕައާއިވެސް ސުވަރުގެއިން ބައްދަލުވުމެވެ. އާމީން

 

- ނަޖީބް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން