ޞަޙާބީން ވިދާޅުވެފައވެއެވެ. "ތިމަންމެން އެންމެ އުފާވީ އިސްލާމް ވެވުމުންނެވެ. ދެން އެންމެ އުފާވީ މިޙަދީޘްފުޅުގެ އަޑު އިވުމުންނެވެ." އެ ޙަދީޘްފުޅަކީ "ޤިޔާމަތް ދުވަހު އެމީހަކު ވާހުށީ އެމީހަކު އެންމެ ލޯބިވި މީހާ/ބއަކާއެކު" ކަމަށް ކުރެއްވެވި ޙަދީޘްފުޅެވެ. އެހައިބޮޑު އުފާވެރިކަމެއް ލިބިވަޑައިގަތީ ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކެ އެންމެ ބޮޑަށް ލޯބިވެ ޤިޔާމަތް ދުވަހު އިތުރު ޞާޙިބާއާއިއެކުގައި ވެވަޑައިގެންނެވޭނެކަމުގެ އުންމީދު ލިބިވަޑައިގަތުމުންނެވެ.
ލޮބުވެތި އެކުވެރިންނޭވެ! އެބޭކަލުން ކުރެއްވެވި ވަރަށް އަޅުކަން އަހުރެމެންނަށް ނުކުރެވިދާނެއެވެ. ނަމަވެސް އެންމެ ބޮޑަށް ލޯބިވަނީ ﷲ ތަޢާލާއާއި ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމް ދެކެ ކަމަށް ހެދިދާނެއެވެ.
ދެން އުފެދޭނެ ސުވާލަކީ އެވަރުން ފުދޭނެ ހެއްޔެވެ؟ ޖަވާބަކީ ނުފުދޭނެއެވެ. އެމީހެއްގެ ޢަމަލުތަކުން އެކަން ދައްކަންވާނެއެވެ. ޤުރްއާނަށް ތަބަޢަވެ ޢަމަލުކުރަންވާނެއެވެ. ސުންނަތަށް ލޯބިކޮށް ސުންނަތްތަކުގައި ހިފަހައްޓަންވާނެއެވެ.
ހަމަ އެއާއިއެކު ﷲ ތަޢާލާ އާއި ދުޝްމިނުވެ ދީނުގެ ޢަދާވާތްތެރިންނަށް ހުރިހާ ގޮތަކުންވެސް ނޫނެކެވެ ބުނަންވާނެއެވެ. އެމީހުންނާއި ދުރުހެލިވާންވާނެއެވެ. ގުޅިގެން އުޅެންވާނީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހުންނާއިއެވެ.
- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން
- މިއަދުނޫސް