ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުހެލުމަކީ މުސްލިމުންނަށް ކުރަން އެންމެ ފަސޭހަ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުހެލުމަކީ މުސްލިމުންނަށް ކުރަން އެންމެ ފަސޭހަ ކަންތައް!

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އެކަން ވިސްނުމުން ކުރިން ކުރެވުނު ހުރިހާ ފާފަތައް ފުހެލުމަކީ މުސްލިމުންނަށް ކުރަން އެންމެ ފަސޭހަކަންތަކެވެ. އެއީ ބޮޑުކަމެއް ކަމަށް ވިސްނައިދެނީ ޝައިޠޯނާއެވެ.  

އެއްދުވަހަކު ބައްދަލުވި މީހަކު ބުނީ އޭނާ އިސްލާމް ދީނުން ބޭރުވެފައި އަލުން ދީނަށް ވަންނަން ބޭނުންވާ ކަމަށެވެ. ކުޑަކޮށް ޙައިރާންވެފައި ސަބަބަކާއިމެދު ސުވާލުކޮށްލުމުން ބުނީ އޭނާއަށް ވަރަށް ގިނަ ފާފަތަކެއް ކުރެވިފައިވާ ކަމަށާއި އަލަށް އިސްލާމްވާ މީހުންގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާތީ ކަމަށެވެ.  

އަހުރެން ބުނީމެވެ. ތިއަ ނިޢުމަތް ހޯދަން މުސްލިމަކަށް ހުރެގެން މާފަސޭހަވާނެއެވެ. ތައުބާވާށެވެ! ޙަދީޘްފުޅުގައި އޮތީ ތައުބާވުމުން އެމީހަކީ ފާފައެއް ނުކުރާ މީހަކު ފަދަ ކަމަށެވެ. 

ލޮބުވެތި އަޚޫންނާއި އުޚުތުންނޭވެ! ކުރެވިފައިވާ ފާތައް ގިނަވަގެން ކަންބޮޑުނުވާށެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. އިޚްލާޞްތެރި ކަމާއިއެކު ތައުބާވުމުން އެއޮތީ އެކަން ނިމިފައެވެ. ތައުބާވުމަށްފަހު ކުރިން ކުރި ފަދަ ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. މަސައްކަތްކުރަނިކޮށްވެސް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ.  

ﷲ ތަޢާލާއީ ތައުބާވާ އަޅުތަކުންގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް ދީލަތިވަންތަ ރަސްކަލާނގެއެވެ. ހިތާމަކުރަންޖެހޭނީ ތައުބާ ނުވެވިހުއްޓައި މަރުވެއްޖެ ނަމައެވެ. މަރުވާނެ ވަޤުތެއް ނުއެނގޭނެއެވެ. އަބަދުވެސް ތައުބާވުންމަތީގައި ހުންނަން ޖެހޭ ސަބަބަކީ އެއީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން