ދީނުގައިވާ މަގުން ދެމަފިރިންގެ ގުޅުން ބޭއްވުމަކީ ސުވަރުގެ ވަދެވުމަށް ބޮޑުތަނުން މަގުފަހިވެގެންދާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދީނުގައިވާ މަގުން ދެމަފިރިންގެ ގުޅުން ބޭއްވުމަކީ ސުވަރުގެ ވަދެވުމަށް ބޮޑުތަނުން މަގުފަހިވެގެންދާނެ ކަމެއް! އިން ޝާ ﷲ

އިސްލާމް ދީނުގެ ޙަޤީޤަތް ނުއެނގޭ މީހުން އަބަދުވެސް އުޅޭނީ އިސްލާމް ދީނުގައި މަނާވެގެންވާ ކަންކަމުގެ ވާހަކަ ދެއްކުމުގައެވެ. އެއީ ނުހަނު މަދު ކަންކަމަށްވާއިރުވެސްމެއެވެ.

އަހުރެންނަށް ފެނިގެން މިދަނީ އެމަދު ކަންކަމުގެ ބަދަލުގައި ޘަވޭބު ދެއްވަވާނެ ކަންކަން ގިނަކަމެވެ. އެއިގެ ތެރޭގައި ކައިވެނިކުރުމަށްފަހު ރަނގަޅު ގޮތުގައި ދެމަފިރިން އެކުގައި އުޅުންވެސް ހިމެނެއެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ކީރިތި ޤުރްއާން ބާވައިލައްވަވަން ފެށުނު ދުވަސްވަރު ގިނަ ބައަކަށް ހީވެފައި އޮތީ އިސްލާމް ދީނަކީ ވަރަށް ގިނަ ކަންތައްތަކެއް މަނާކުރާ ދީނެއް ކަމަށެވެ. އެހެންވެ އެކަންކަން ބަލައިގަންނަން ގިނަބައަކަށްވީ ވަރަށް އުނދަގޫ ކަމަކަށެވެ. 

އެހެންކަމާއިއެކުވެސް ބައަކު އެކަންކަން ބަލައިގަންނަން ފެށިއެވެ. އަދި ޢަމަލުކުރަންވެސް ފެށިއެވެ. އެކަމުގެ ނަތީޖާއަކަށްވީ އެމީހުންނަށް ހިތްހަމަޖެހުން ލިބި އުފާވެރި ގޮތްތައް މެދުވެރިވުމެވެ. އެކަމުގެ ނަތީޖާއަކަށްވީ ކީރިތި ޤުރްއާން ޤަބޫލުކުރާ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވަމުން އައުމެވެ.  

މިއަދުވެސް އެކަންތައް އޮތީ ހަމައެގޮތަށެވެ. ﷲ ތަޢާލާ އަހުރެމެންނަށް ޢަމަލުކުރަން އަންގަވާފައިވާ ގޮތަށް ޢަމަލުކުރާނަމަ އުފާވެރިކަން ދެއްވަވާނެތެވެ. ހިތްހަމަޖެހުންވެސް ދެއްވަވާނެތެވެ. ޢަމަލުނުކުރާނަމަ އަބަދުވެސް އުޅެންޖެހޭނީ ހާސްކަމާއި ކަންބޮޑުވުންތައް ކުރިމަތިވާތީއެވެ.  

ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ! ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަންކަން ކުރުންމަތީގައި ހުރިނަމަ އެމީހަކަށް އެހުރެވެނީ އަޅުކަންކުރުންމަތީގައެވެ. ޒަވާޖީ ޙަޔާތެއް ފަށައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަން ކުރާނަމަ އެކަންވެސް ލައްވަޥާފައިވަނީ އަޅުކަމުގެ ތެރޭގައެވެ. ދެމަފިރިން އެއްދާންކުރުންވެސް ލައްވަވާފައިވަނީ އަޅުކަމުގެ ތެރޭގައެވެ.  

އެހައި ގިނަ ޘަވާބު ހޯދެން އޮތް އެފުރުޞަތު ނަގައިލަނީ އަމިއްލައަށެވެ. ބައިވެރިޔާއަށް މަކަރުހެދުމާއި ޚިޔާނާތްތެރިވުމާއި ބައިވެރިޔާގެ ޙައްޤުތައް އަދާނުކުރާނަމަ އެފުރުޞަތު ގެއްލިގެންދާނެއެވެ. ވީމާ ރަނގަޅު ގޮތުގައި ދެމަފިރިން އެކުގައި ދިރުޅުމަކީވެސް ޘަވާބު ލިބި ސުވަރުގެ ދެވެން އޮތް މަގެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން