މަރްޔަމް ސާޖިދާ
އިންސާނާގެ ދިރިއުޅުމަކީ ކޮންމެ ސިކުންތަކުވެސް ބަދަލުވެދާނެ އެއްޗެކެވެ. ބޮޑު އެކްސިޑެންޓެއް ނުވަތަ ކުއްލި ސިހުމެއް ލިބޭ ފަދަ ނުރައްކާތެރި ޙާދިސާއަކާ ކުރިމަތިވާ ވަގުތަކީ، ތިމާ ދުނިޔެއަށް ދޫކުރާ އެންމެ ފަހު ނޭވާލާ ވަގުތު ކަމުގައިވެސް ވެދާނެއެވެ.
މިފަދަ ބިރުވެރި ދަނޑިވަޅެއްގައި އިންސާނާގެ އަނގައިން ނިކުންނާނީ، އޭނާ ދުނިޔޭގައި އުޅުނުއިރު އެންމެ ގިނައިން ބުނަން އާދަވެފައި ހުންނަ ބަސްތަކެވެ. އެހެންކަމުން، ހަޑިހުތުރު ބަސްތައް ބުނަން އާދައަކަށް ވެފައިވާ މީހަކަށް، އެފަދަ ނާޒުކު ވަގުތެއްގައިވެސް ބުނެވުން ގާތީ ހަމައެނުބައި ބަސްތަކެވެ.
އިސްލާމްދީނުގައި މީހާގެ ނިމުން ރަގަޅުވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
"އެމީހެއްގެ ފަހުބަހަކީ لا إله إلا الله ކަމުގައިވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ." (ސުނަނު އަބީ ދާވޫދު)
ނަމަވެސް ދިރިއުޅުމުގައި އާދައިގެ ކަންކަމުގައިވެސް ކުޑަކުޑަ ކަމެއް ދިމާވާއިރަށް ހަޑިހުތުރު އެއްޗެހި ކިޔަން އާދަވެފައިވާ މީހާގެ މައްޗަށް ޝައިޠާނާ ގަދަވެގަނެއެވެ. ނަތީޖާއެއްގެ ގޮތުން، ކުއްލި ޙާދިސާއެއް ދިމާވާ ހިނދު، ޝަހާދަތް ނުވަތަ އެނޫންވެސް ހެޔޮ އެއްޗެއް ކިޔުމުގެ ބަދަލުގައި އެމީހެއްގެ ދުލުން ބޭރުވާނީ ހަޑިހުތުރު ބަސްތަކެވެ.
އާދައަކީ އިންސާނާގެ ސިކުނޑީގައި ވަރަށް ހަރުލާފައި ހުންނަ އެއްޗެކެވެ. ކުއްލިއަކަށް ބިރުގަންނަ ނުވަތަ ތަދުވާ ވަގުތު، އިންސާނާ ވިސްނާލުމެއްނެތް ނުވަތަ ސަބްކޮންޝަސް ލެވެލްއެއްގައި މަސައްކަތްކުރަން ފަށައެވެ. އެހެންކަމުން، ދުލުން އަބަދުވެސް ރިވެތި ބަސްތައް ކިޔަން އާދަކޮށްފިނަމަ، ކުއްލި ނުރައްކަލުގެ ވަގުތުގައިވެސް ހަމަވިސްނުން ނެތިވެސް ބުނެވޭނީ އެފަދަ ބަސްތަކެވެ.
މިއީ މިއަދު އަޅުގަނޑުމެން ބެލެނިވެރިންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހިފައިވާ ކަމެކެވެ. ބޮޑެތިވަމުން އަންނަ ކުދިންގެ މެދުގައި ކަމެއް ދިމާވާއިރަށް "އެފް ވާރޑް" ބޭނުންކުރުމަކީ މިއަދު ވަރަށް އާންމު އަދި ކޫލް ކަމަކަށް މިވަނީ ވެފައެވެ. އެހެންކަމުން ދަރިންނަށް މިކަމުގެ ހުރި ނުރައްކާތެރިކަން ބުނެދީ ވިސްނައިދޭށެވެ. ކުއްލި ކަމެއް ދިމާވުމުން سبحان الله ނުވަތަ إنا لله وإنا إليه راجعون ފަދަ ކަލިމަތައް ބުނަން ކުދިންނަށް ދަސްކޮށްދޭށެވެ. އެފަދަ ޙާލަތްތަކުގައި މިފަދަ ހެޔޮ ބަސް ބުނާ ބަޔަކަށް ވުމުގެ ނަމޫނާ ކުދިންނަށް ދައްކާށެވެ.
އަޅުގަނޑުމެންގެ ދޫތަކަކީ އަޅުގަނޑުމެންގެ ނިމުން ސީދާކޮށްދޭ ނުވަތަ ނުބައިކޮށްދޭ ގުނަވަނެކެވެ. އެހެންކަމުން، ދުލުން ހަޑިހުތުރު ބަސްތައް ބުނުމުގެ ނުބައި އާދަ މިއަދުން ފެށިގެން ދޫކޮށްލަމާ ހިނގާށެވެ. ކޮންމެ ސިކުންތަކީ ފަހު ސިކުންތައް ވެދާނެކަމަށް ވިސްނައި، އަބަދުވެސް ﷲގެ ޛިކުރުން ދޫ ތެތްކަންމަތީ ބޭއްވުމަށް މަސައްކަތްކުރަމާ ހިނގާށެވެ. މިފަދަ ކަންކަމަކީ އާދައިގެ އެއްވެސް ކަމެއް ނޫން ކަމުގައި ނުދެކި، އިސްލާޙްކުރަން މަސައްކަތް ކުރަމާ ހިނގާށެވެ.
- މިއަދުނޫސް