އަހުރެމެންގެ ދަރިންނަކީވެސް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން ތަޢްރީފް ކުރައްވަވާނެ ދަރިން ކަމުގައި ހެދޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އަހުރެމެންގެ
ދަރިންނަކީވެސް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން ތަޢްރީފް ކުރައްވަވާނެ ދަރިން
ކަމުގައި ހެދޭނެ ގޮތް!


ﷲ ތަޢާލާ އަހުރެމެންނާއިމެދު ކަންކަން ނިންމަވާ ގޮތް އަހުރެމެންނަކަށް ނުއެނގޭނެއެވެ. ނަމަވެސް ޞަޙާބީންނާއިމެދު ކަންކަން ނިންމެވި ގޮތް ޤުރްއާނުން އެނގެން އެބައޮތެވެ. އަހުރެމެން ޔަޤީންކުރަންވީ އަހުރެމެންނަށްވެސް އެބޭކަލުން ފަދައިން ވެވިއްޖެނަމަ އެކަންކަން އަހުރެމެންނަށްވެސް ޙައްޤުވާނެ ކަމެވެ. އެހެންކަމުން އެމަތިވެރިކަން އަހުރެމެންގެ ދަރިންނަށް ހޯދައި ދިނުމަށްޓަކައި އަހުރެމެންނަށް އޮތީ ހަމައެމަގުން ދަރިން ތަރުބިއްޔަތުކުރުމެވެ.  

ތިރީގައިވާ ލިޔުމުން އެކަން ޔަޤީންކޮށްލައްވާށެވެ!  

ޞަޙާބީންގެ ތެރެއިން ސުހައިބުއްރޫމީ އަކީ މައްކާއަށް ބޭރުން ވަޑައިގެން ހުންނެވި ބޭކަލެކެވެ. ތަނަވަސްކަން ލިބިވަޑައިގަތީ މައްކާގައި ކުރެއްވެވި މަސައްކަތްޕުޅުންނެވެ. އެކަލޭގެފާނު މައްކާ ދޫކުރައްވައި މަދިނާއަށް ހިޖުރައަށް ވަޑައިގަންނަވަން އުޅުއްވެވުމުން މައްކާގެ މުޝްރިކުން އެކަމަށް ހުރަސް އެޅިއެވެ. އަދި ހުރިހާމުދަލެއް ދޫކުރައްވާފައި ނޫނީ ވަޑައިނުގެންނެވޭނެ ކަމަށް ދެންނެވިއެވެ.

 

އެހިނދު އެމީހުން އެދުނުފަދައިން ހުރިހާ މުދަލާއި ތަނަވަސްކަން ދޫކޮށްލެއްވެވިއެވެ. ހިޖުރައަށް ވަޑައިގަތީ ހަމައެކަނި ތުރުކުރައްވައިގެން ހުންނެވި ފޭރާންކޮޅާއިއެކުގައެވެ.  

މިފަދަ ތަރުބިއްޔަތެއްއ ލިބިވަޑައިގަތީ ރަސޫލް (ﷺ)ގެ އަރިއަހުންނެވެ. އެހެން ގޮތަކުން ނޫނެވެ. އެފަދަ ބޭފުޅުންނާއި ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ވަނީ މަދަޙަ ޢާއި ތައްރީފްގެ އާޔަތްތައް ބާވައިލައްވަވައިފައެވެ. އަމިއްލަފުޅު މުދައުވެރިކަން ޤުރްބާން ކުރައްވަވާފައި ﷲ އާއި ރަސޫލް (ﷺ)ގެ ލޯބި "ބައްލަވައިގަތުން" ﷲ ވަނީ ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ.  

ނޫޙުގެފާނާއި އެހެނިހެން ރަސޫލް ބޭކަލުންނަށްވެސް ﷲ ތަޢާލާ ބާވައިލެއްވެވީ ހަމަ އެއް ދީނެވެ. އެއީ އިސްލާމް ދީނެވެ. ﷲ ތައާލާ އަންގަވާފައިވަނީ އެދީނާއި އެއްގޮތަށް ދިރިއުޅުމަށެވެ. ދިރިއުޅުމުގެ ހުރިހާ ކަންކަން އެ ދީނާއި އެއްގޮތަށް ބައްޓަން ކުރުމަށެވެ. 

ޞަޙާބީން ވަނީ އެބޭކަލުންގެ އަމިއްލަފުޅު ނަފްސްތަކާއި ހުރިހާ މުދަލެއް ﷲ އަށާއި ރަސޫލް (ﷺ) އަށް ލޯބިން ޤުރްބާން ކުރައްވައިފައެވެ. އަޅުގަނޑުމެންވެސް ޢަމަލުކުރަންވީ ހަމަ މިއުޞޫލުންނެވެ. އަޅުގަނޑުމެންގެ ދަރިންވެސް ތަރުބިއްޔަތު ކުރަންވީ ހަމަ މިއުޞޫލުންނެވެ. ކޮންމެ ކަމެއްވެސް ﷲ އެންގެވި ގޮތަށް ކުރުމަށެވެ. އިސްލާމް ދީނަކީ އެއީއެވެ.

--ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން