މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކަސްޓަމަރުންނަށް 722 މިލިއަން ޑޮލަރުގެ ބޭރު ފައިސާ ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. މިއީ މަހަކަށް ބަލާއިރު އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މުއްދަތުގައި ދޫކުރެވުނު ބޭރު ފައިސާގެ މިންވަރަކީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު، އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބީއެމްއެލް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ޖުމްލަ 2.86 ބިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މުއާމަލާތް މެދުވެރިކޮށް ކުރެވުނު ހޭދައެކެވެ.
ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ކުރެވުނު ހޭދައަށް ބަލާއިރު، މަހަކަށް އެވްރެޖްކޮށް 37 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ އެވްރެޖަށްވުރެ 15 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2022 ވަނަ އަހަރުގެ އެވްރެޖާ އަޅާބަލާއިރު މިއީ ގާތްގަނޑަކަށް ތިންގުނަ އިތުރު އަދަދެކެވެ.
ފުރަތަމަ ނުވަ މަސްދުވަހު ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ޖުމްލަ 336 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، އޭގެ ތަފްސީލަކީ:
- އީ-ކޮމާސް ވިޔަފާރިތަކަށް: 208 މިލިއަން ޑޮލަރު
- ޕީއޯއެސް (POS) މުއާމަލާތްތަކަށް: 93 މިލިއަން ޑޮލަރު
- ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގި ފައިސާ: 34 މިލިއަން ޑޮލަރު
ބީއެމްއެލްއިން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭގޮތުގައި، ބޭންކު މެދުވެރިކޮށް ދޫކުރެވޭ ބޭރު ފައިސާގެ އަދަދުތައް އަހަރަކަށްވުރެ އަހަރެއް ދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވަމުންނެވެ.