އެއާޕޯޓް އޮންނަ، އާބާދީގައި 1,000 މީހުން ހަމަވާ ކޮންމެ ރަށަކުން ޕާސްޕޯޓްގެ ހިދުމަތް ދޭން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެއާޕޯޓް އޮންނަ، އާބާދީގައި 1,000 މީހުން ހަމަވާ ކޮންމެ ރަށަކުން ޕާސްޕޯޓްގެ ހިދުމަތް ދޭން ނިންމައިފި

އެއާޕޯޓު އޮންނަ ރަށްރަށުގެ ތެރެއިން އާބާދީގައި 1,000 މީހުން ހަމަވާ ކޮންމެ ރަށަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، މާލެއަށް އަންނަން ނުޖެހި ރަށްރަށުން ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މުޅި ރާއްޖޭގައިވެސް ޕާސްޕޯޓުގެ ހިދުމަތް ލިބެންުރީ އެންމެ 5 ސަރަހައްދަކުން ކަމަށެވެ. ނަމަވެސް، ސަރުކާރުން ކުރެއްވި މަސައްކަތުން މިހާރު ރާއްޖޭގެ 39 ރަށަކުން އެ ހިދުމަތް ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މެލޭޝިއާ އާއި ސްރީލަންކާއިންވެސް މިހާރު ޕާސްޕޯޓުގެ ހިދުމަތް ދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަންނަ ފެބްރުއަރީ މަހާ ހަމައަށް ދާންވާއިރަށް އެރަށްރަށުގައިވެސް ޕާސްޕޯޓުގެ ހިދުމަތް ފަށާނެ. އެގޮތަށް ބެލި ބެލުމުން އިތުރު ހަތަރު ރަށެއްގައި އެ ހިދުމަތް ފަށަންޖެހޭ،" އާބާދީގައި 1,000 މީހުން ހަމަވާ އަދި އެއާޕޯޓް އޮންނަ ރަށްރަށަށް ހިދުމަތް ފުޅާކުރުމާ ގުޅޭގޮތުން ވަޒީރު އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ 10 އަހަރު ދުވަހުވެސް ރާއްޖެއަށް ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދެމުންދަނީ ޖަރުމަނުވިލާތުގެ ކުންފުންޏެއްގެ ޕްރިންޓް ހައުސްއަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިން ޕާސްޕޯޓް ސްޓޮކް ހުސްވުމުގެ ސަބަބުން ދިމާވި ދަތިތަކަށް އަލިއަޅުއްވާލައްވަމުން، ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ދިމާވިޔަނުދިނުމަށްޓަކައި ހަދަންޖެހޭ އިންތިޒާމުތައް ހަމަޖައްސަވަމުންދާކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން