ޑިޔުޓީއެއް އަދާކުރި ނަމަވެސް ނަމާދު ނުއަޅާށެވެ! މިގޮތަށް ޢަމަލުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ޑިޔުޓީއެއް އަދާކުރި ނަމަވެސް ނަމާދު ނުއަޅާށެވެ! މިގޮތަށް ޢަމަލުކުރާށެވެ!

"ނަމާދުވަގުތުފާއިތުވާއިރުވެސް ކައުންޓަރުތެރޭގަ ނުވަތަ ވަކިތަނެއްގަ ޑިޔުޓީގަ ހުންނަންޖެހޭނަމަ ނަމާދުކުރާނީ ކިހިނަކުންތޯ؟" 

ކިޔުންތެރިޔާގެ މިސުވާލުގެ ޖަވާބަށް ދިއުމުގެކުރިން ކުޑަކުޑަ ސުވާލެއްކޮށްލާނަމެވެ! ކައުންޓަރުގައި ޑިޔުޓީ އަދާކުރާ ވަޤުތު ފާޚާނާ ކުރަންޖެހިއްޖެނަމަ ކަންތައް ކުރަނީ ކިހިނަކުން ހެއްޔެވެ؟ ހުންނަނީ ފާޚާނާ ނުކޮށްހެއްޔެވެ؟ ފާޚާނާކުރަން 10 ވަރަކަށް ފަނަރަވަރަކަށް މިނިޓަށް ޑިޔުޓީ ކުރުމާ ދދުރުހެލިވެލާ އުޞޫލުން ނަމާދުކުރަން ދުރަށް ޖެހިނުލެވެންވީ ކީއްވެގެން ހެއްޔެވެ؟  

އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާއަށް ޖަވާބެއް ލިބިލައްވާނެ ކަމަށެވެ.  

ޑިޔުޓީ އަދާކުރަންޖެހޭ ބައެއް މީހުން ޑިޔުޓީކުރަން ޖެހުމަކީ ބަހަނާއަތައް ދައްކައި ނަމާދު އަޅައެވެ. އެކަން އެގޮތަށް ކުރެވޭ ސަބަބަކީ އެކަން ކުރުމުގައި އޮތް ލުއިފަސޭހަ މަގުތައް ނުއެނގޭތީ ކަމަށްވެސް ވެދާނެއެވެ.  

ތިރީގައި މިވަނީ ޑިޔުޓީކުރަން ޖެހޭ މީހުންނަށް ވަގުތު ފާއިތުވެގެން ދިއަ ނުދީ ނަމާދުކުރެވޭނެ ގޮތުގެ މައްޗަށް ޝައިޚް މުޙައްމަދު ޝާފިޢް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.   

ނަމާދު ޖަމްޢުކުރުމަކީ ދެ ނަމާދެއް އެއްވަގުތެއްގައި ކުރުމެވެ.

ހ- އިސްކޮށް ޖަމްޢުކުރުން ށ- ފަސްކޮށް ޖަމްޢުކުރުން 

ނަމާދު ޖަމްޢުކުރުން، ޢުޛުރުވެރިންނަށް ހުއްދަވެގެންވެއެވެ. މިގޮތުން މުހިއްމު ޑިއުޓީތައް އަދާކުރާ ފަރާތްތައް ކަމުގައިވާ ޑޮކްޓަރުންނާއި ނަރުހުންނާއި، ސިފައިންނާއި ފުލުހުންނާއި އެއަރޕޯރޓްގައި ޚިދުމަތްދޭ ބައެއް މުވައްޒަފުންނާއި، ދަތުރު ފަތުރު ކުރަންޖެހޭ މީހުންނާއި، ޠަހާރަތުގައި ތަކްލީފު އުފުލަންޖެހޭ ބަލިމީހުންނަށްވެސް އަދި ދިމާވާ ބައެއް ޙާލަތްތަކުގައި މިސާލަކަށް ވަރަށް ބޯކޮށް ވާރޭ ވެހުން އަދިވެސް ނަމާދު އޭގެ ވަޤުތުގައި ކުރުމަށް ޢުޛުރުވެރިވެއްޖެ އެހެން ބައެއް ޙާލަތުގައި ޖަމްޢުކުރުން ހުއްދަވެގެން ވެއެވެ. 

މިސާލެއް: އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޑިއުޓީ ފެށެނީ 1 ޖަހާއިރުއެވެ. ޑިއުޓީ ނިމެނީ 9 ޖަހާއިރުއެވެ. ނަމާދު ކުރާނެ ބްރޭކް ނުލިބި މަސައްކަތްކުރަން ޖެހޭނަމަ މި ޑޮކްޓަރު ކަންތައް ކުރާނީ އަންނަނިވި ގޮތަށެވެ.

މެންދުރު ނަމާދު ކުރާ ވަޤުތު މެންދުރު ނަމާއެކު ޢަޞްރު ނަމާދު ޖަމްޢުކޮށްލުން ފުރަތަމަ ކުރާނީ މެންދުރު ނަމާދުގެ ހަތަރު ރަކްޢަތް ދެން ޤަމަތްދޭނީ، ޤަމަތް ދީފައި ކުރާނީ ޢަޞްރު ނަމާދުގެ ހަތަރު ރަކްޢަތް މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު އިސްކޮށް ޖަމްޢުކުރުމެވެ. މި ޙާލަތުގައި ޑޮކްޓަރު އެ ކުރީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު އިސްކޮށް ޖަމްޢުކޮށެވެ.

ދެން އޮތީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދެވެ. އިޝާނަމާދުގެ ވަޤުތުވުމުން ( މި ޙާލަތުގައި 9 ޖެހުމުން، ޑިއުޓީ ނިމުމުން) ބަންގި ދީފައި ފުރަތަމަ ކުރާނީ މަޣްރިބް ނަމާދުގެ ތިން ރަކްޢަތެވެ. ދެން ސަލާމް ދީފައި ޤަމަތްދޭނީއެވެ. ދީފައި ކުރާނީ ޢިޝާ ނަމާދުގެ ހަތަރު ރަކްޢަތެވެ.

މިގޮތަށް ކުރުމަށް ކިޔަނީ ނަމާދު ފަސްކޮށް ޖަމްޢުކުރުމެވެ. މި ޙާލަތުގައި ޑޮކްޓަރު އެ ކުރީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ފަސްކޮށް ޖަމްޢުކޮށެވެ. 

ޖަމްޢުކުރެވޭ ނަމާދު ތަކަކީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު (4+4) މަޣްރިބް ނަމާދާއި ޢިޝާ ނަމާދު (3+4) 


- ޝައިޚް މުޙައްމަދު ޝާފިޢު 

- މިއަދުނޫސް

 

 

މިއަދު އޮންލައިން