އަޅުކަންކުރަން އެންމެ ފައިދާބޮޑު ގޮތް!

ކިޔުމަށް ހޭދަވާނީ 3މ 24ސ
އަޅުކަންކުރަން އެންމެ ފައިދާބޮޑު ގޮތް!

ޢާއިޝަތު ރަފާޙް ޢަލީ

 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«وَأَنَّ أَحَبَّ الأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ»

މާނައީ: "އަދި ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލުތަކަކީ ކިތަންމެ މަދުވިޔަސް، ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލުތަކެވެ."

ހެޔޮ ޢަމަލުކުރުމާއި ހެޔޮ ޢަމަލުކުރުން މަތީގައި ދެމިހުރުމަށް އިސްލާމްދީން ބާރުއަޅައެވެ.

ސޫރަތުއް ނަޙްލުގެ 32 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

ادْخُلُوا الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ ‎﴿٣٢﴾‏

މާނައީ: ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ! (32)" 

އަދިވެސް ސޫރަތުލް އަންބިޔާގެ 90 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ ‎﴿٩٠﴾‏

މާނައީ: "ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ. (90)" 

ދާއިމީކޮށް ހެޔޮ ޢަމަލު ކުރުމަށްޓަކައި ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ކޮންމެ މަހަކު މީހުންނަށް ޞަދަޤާތް ދެވިދާނެއެވެ. އެގޮތުން ގާތްތިމާގެ މީހުންނަށް ޒިޔާރަތް ކޮށް އެމީހުންނަށް ޞަދަޤާތް ކުރިނަމަވެސް އެމީހަކަށް ޘަވާބު ލިބިގެން ދާނެއެވެ.  

ދެވަނަ ކަމަކަށް ސުންނަތް ނަމާދު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ދަމުނަމާދަށް ނުހޭލެވުނު ކަމުގައިވިޔަސް ރަވާތިބު ސުންނަތްތައް ކުރެވިދާނެއެވެ. އަދި ދފާއިމީކޮށް ކުރުމަށް ހިތުގައި އަޒުމް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.  

ސޫރަތުލް ބަޤަރާ 199 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ ‎﴿١٩٩﴾‏

މާނައީ: "ދެން (عرفات ން مزدلفة ޔަށް) އެނބުރި އަންނަ މީސްތަކުންނާއެކު ތިޔަބައިމީހުންވެސް އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަ ފުއްސަވައި ދެއްވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. (199)"

 

މިއަދުނޫސް

 

މިއަދު އޮންލައިން