ޢާއިޝަތު ރަފާޙް ޢަލީ
ތިޔަބޭފުޅުންނަށް އެއީ އެންމެ ގޯސް/ނުރައްކާތެރި ކަންތައް ކަމުގައި ހީވާ ކަމަކީ، ޖިސްމާނީ އަނިޔާއެވެ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ސަރީޙަކޮށް ޙަދީޘް ކުރެއްވިއެވެ: "لا تضربوا اماء الله" (ﷲ ގެ އަޅު އަންހެނުންގެ ގައިގައި ނުޖަހާށެވެ). ސަރީޙަކޮށް، ﷲ ގެ އަޅު އަންހެނުންގެ ގައިގައި ނުޖަހާށެވެ.
ﷲ ގެ ރަސޫލާ "لا تضربوا النساء" (އަންހެނުންގެ ގައިގައި ނުޖަހާށެވެ) އެފަދައިންވެސް ވިދާޅުވެވިދާނެއެވެ. ސަބަބަކީ ﷲ ގެ އަޅު އަންހެނުންނަކީވެސް އަންހެނުން ކަމުގައިވާތީއެވެ. ނަމަވެސް އެ ބަސްފުޅުގެ ބާރުގަދަކަން އޮތީ، އެކަނބަލުންނަށް "ﷲ ގެ އަޅު އަންހެނުން" އޭ ވިދާޅުވުމުން، އެކަނބަލުންގެ އަސާސީ ގުޅުން ނިސްބަތްވަނީ ކާކަށްކަން އެނގިގެންދާތީއެވެ. އެކަނބަލުންގެ މިލްކުވެރިޔަކީ ކާކު ހެއްޔެވެ؟ އެއީ ﷲ އެވެ.
އަދި އެހެން މީހެއްގެ މިލްކިއްޔާތަކަށް ތިބާ ގެއްލުންދީފިނަމަ މިސާލަކަށް ތިބާ އަހަރެންގެ ކާރު ހަލާކުކޮށްލައިފިނަމަ، ތިބާ އެ ގެއްލުން ދިނީ ކާރަކަށް ނޫނެވެ. ތިބާ އެ އިހާނެތިކޮށް ކަންތައް ކުރީ ކާކަށް ހެއްޔެވެ؟ ތިބާ އެ އިހާނެތިކޮށް ކަންތައް ކުރީ އަހަންނަށެވެ. ތިބާ އަހަރެންގެ ދަރިއަކަށް ގޯސްކޮށް ކަމެއް ކޮށްފިނަމަ، ތިބާ އެ ކުރީ ހަމައެކަނި އަހަރެންގެ ދަރިއަށް ކުރި އަނިޔާއެއް ނުވަތަ ދިން އިހާނެތިކަމެއް ނޫނެވެ. ތިބާ އެ އަނިޔާކުރީ ކާކަށް ހެއްޔެވެ؟ އަހަންނަށެވެ! އަހަރެން ތިބާއާ ހިސާބުކުރަން އަންނާނަމެވެ. ވިސްނޭހެއްޔެވެ؟
އެކަނބަލުންނަކީ ﷲ ތަޢާލާގެ މިލްކަކަށް ވެފައި، ތިބާ އެކަނބަލުންގެ ގައިގައި ޖަހައިފިނަމަ، ތިބާއާ ހިސާބުކުރަން އަންނާނީ ކާކު ހެއްޔެވެ؟ އެފަރާތަކީ ﷲ ތަޢާލާ އެވެ. "لا تضربوا اماء الله". ސަމާލުވާށެވެ، އެކަނބަލުން ނިސްބަތްވަނީ ﷲ އަށެވެ.
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވަނީ އެފަދައިންނެވެ. އެހެންކަމުން ޖިސްމާނީ އަނިޔާއަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
- ޝޑރ. ނުޢުމާން އަލީ ޚާންގެ ދަރުސަކުން
- މިއަދުނޫސް