ރ. ކިނޮޅަހުގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެ ރަށުގައި އުމްރާނީ ތަރައްޤީގެ ބޮޑު 6 މަޝްރޫޢެއްގެ އަމަލީ މަސައްކަތް އެއްފަހަރާ ބާރުމިނުގައި ކުރިއަށްދާން ފަށައިފިއެވެ. މި މަޝްރޫޢުތަކަކީ ރަށު ކައުންސިލާއި ސަރުކާރު ގުޅިގެން ރަށުގެ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ހިންގަމުން އަންނަ މުހިންމު މަސައްކަތްތަކެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކިނޮޅަހު ކައުންސިލުގެ ރައީސް އަޙުމަދު ޙުސައިން ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި މުހިންމު ޚިދުމަތްތަކާއި ވަސީލަތްތައް ހިމެނޭ ކަމަށެވެ. އެގޮތުން ތަޢުލީމީ ދާއިރާއިން ސްކޫލުގެ މަލްޓިޕާޕޯސް ހޯލާއި 4 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހިމެނޭއިރު، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މީގެއިތުރުން އިދާރީ ހިންގުމާއި ރަށުގެ އަމާންކަން ބެލެހެއްޓުމަށްޓަކައި ކައުންސިލް އިދާރާގެ އައު އިމާރާތާއި ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަޝްރޫޢުވެސް އަންނަނީ ހިނގަމުންނެވެ. އަދި ސިއްޙީ ދާއިރާއިން ރަށުގެ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ކުނި މެނޭޖްކުރާ ވޭސްޓް ސެންޓަރުގެ މަސައްކަތްވެސް މި 6 މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ މަޝްރޫޢުތަކަކީވެސް ރަށަށް އިންތިހާއަށް ބޭނުންތެރި ކަންކަމެވެ. ނަމަވެސް އޭގެ ތެރެއިންވެސް ރައްޔިތުންނަށް އެންމެ އުއްމީދީ އަދި އެންމެ ބޮޑު އިސްކަމެއް ދެވިފައިވާ މަސައްކަތަކީ ސްކޫލުގެ އައު ކްލާސްރޫމްތަކާއި ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތެވެ.
ޚާއްޞަކޮށް ސްކޫލަށް އިތުރުކުރެވޭ 4 ކްލާސްރޫމާއި މަލްޓިޕާޕޯސް ހޯލުގެ ސަބަބުން، ދަރިވަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި ތަޢުލީމީ އިތުރު ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް މަގުފަހިވެ، މުޅި ކިނޮޅަހުގެ އިޖުތިމާއީ އަދި އިޤްތިޞާދީ މޫނުމައްޗަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ކައުންސިލުން ދެކެއެވެ.