ގަވާއިދުން ކުލި ނުދައްކާ މައްސަލައާއި ކުއްޔަށް ދީފައިވާ ފްލެޓްތަކަށް އެޗްޑީސީން ފިޔަވަޅު އަޅަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ގަވާއިދުން ކުލި ނުދައްކާ މައްސަލައާއި ކުއްޔަށް ދީފައިވާ ފްލެޓްތަކަށް އެޗްޑީސީން ފިޔަވަޅު އަޅަނީ!

ހުޅުމާލޭގައި އިމާރާތްކޮށް ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓްތަކުން ޤަވާއިދުން ކުލި ނުލިބޭ މައްސަލައާއި، އުޞޫލާ ޚިލާފަށް ކުއްޔަށް ދީފައިވާ ފްލެޓްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް އެބައެކަނިގެންދެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޢަލީ ޒުހައިރު ވިދާޅުވީ، އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި 12،000 އަށްވުރެ ގިނަ ސޯޝަލް ހައުސިންގ ފްލެޓް ހުރި އިރު، މީގެ ތެރެއިން 50 އިންސައްތަ ތަންތަނުން ޤަވާއިދުން ކުލި ނުލިބޭ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ އެކި ހާލަތްތައް ކުރިމަތިވެގެން އާއިލާތަކުގެ މާލީ ތަނަވަސްކަން ހުރި ގޮތުން ކުލި ދެއްކުމަށް ދިމާވާ ދަތިތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކޮށްފައިވާ ފްލެޓްތައް ޤަވާއިދާ ޚިލާފަށް ކުއްޔަށް ދީފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ޒުހައިރު ވިދާޅުވީ، އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް އެޗްޑީސީން ހިންގާފައިވާ ކަމަށެވެ. ހާއްސަކޮށް ބޭރު މީހުންނަށް ކުއްޔަށް ދީފައިވާ ކަމަށް ބެލެވޭ ފްލެޓްތަކުގެ ވެރިންނަށް އެ ތަންތަން ހުސްކުރުމަށް ވަކި މުއްދަތެއް ދިނުމުން، ގިނަ ފަރާތްތަކުން އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތައް ސިލްސިލާކޮށް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުންދާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ދެއެވެ.

ހުޅުމާލޭގެ ހައުސިންގ މަޝްރޫއުތަކަށް ބަލާއިރު، 172 ޑިވެލޮޕްމަންޓެއްގެ ދަށުން ސެމީ-ލަގްޒަރީ އަދި ލަގްޒަރީގެ ގޮތުގައި 12،831 ޔުނިޓް ހުރިކަން އެޗްޑީސީން ފާހަގަކުރެއެވެ. މީގެ ތެރެއިން މިހާރުވެސް ސެމީ-ލަގްޒަރީ 1،763 ޔުނިޓާއި ލަގްޒަރީ 1،400 ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދެއެވެ.

މިއަދު އޮންލައިން