މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް ޕެރޯލްގެ ދަށުން ލުއި ނުދިނުމަކީ ސަރުކާރުގެ ސިޔާސަތު: އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް ޕެރޯލްގެ ދަށުން ލުއި ނުދިނުމަކީ ސަރުކާރުގެ ސިޔާސަތު: އިޙްސާން

މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރުމުގެ ކުށުގައި ބަންދުގައި ތިބޭ މީހުންނަށް ޕެރޯލްގެ ދަށުން އަދަބަށް ލުއި ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުގައި ހުރި މީހަކު ޕެރޯލް ބޯޑަށް ރަނގަޅަށް ބަލަންޖެހޭ މިންވަރަށް ނުބެލި ދޫކޮށްލުމާ ގުޅިގެން، އެ ނިންމުން ބަދަލުކުރިކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިޙްސާން ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދީގެން ހައްލުކުރަން މަސައްކަތްކުރާ ކަމެކެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނަށް އިސްލާހު ގެނައީވެސް އެ ސަބަބަށްޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންތިޚާބުތަކާ ދިމާކޮށް މިފަދަ ބޮޑެތި ކުށްތަކުގައި ތިބޭ މީހުން ދޫކުރާ އާދަ ނައްތާލުމަށްޓަކައި، އެފަދަ ހުކުމްތައް ތަންފީޒުކުރަމުންދާ މީހުންގެ އަދަބު ލުއިނުކުރެވޭނެކަން ޤާނޫނުގައި ސާފުކޮށް ކަނޑައަޅާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މަސްތުވާތަކެތި ޓްރެފިކްކުރާ މީހުން ދޫކުރުމަކީ މުޅި މުޖުތަމަޢުގެ ނުރައްކަލަކަށްވާތީ، އެފަދަ މީހުންނަށް ލުއި ނުދިނުމަށް ސަރުކާރުން ވަނީ ނިންމާފައި. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެ އެއްވެސް ކަމަކަށް ސަރުކާރުން ފުރުސަތެއް ނުދޭނެ،" ވަޒީރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންގެ ސަލާމަތަށްޓަކައި ސަރުކާރުން އެއްވެސް "ޝޯޓްކަޓެއް" ނުނަގާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާމެދު ޤާނޫނުގައިވާ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، ނިޒާމުގެ ތެރެއިން އޮޅިގެންވެސް މިފަދަ ކަމެއް ހިނގައިފިނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މިއަދު އޮންލައިން