އަތޮޅުތެރޭގައި ތިބެގެން އިތުރު އަގަކާ ނުލައި އުމްރާވެރިންނަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަތޮޅުތެރޭގައި ތިބެގެން އިތުރު އަގަކާ ނުލައި އުމްރާވެރިންނަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ފުރަން ތައްޔާރުވާ ފަރާތްތަކަށް، އެމީހަކު ހުރި ރަށަކާ އެންމެ ކައިރި ސިއްހީ މަރުކަޒަކުން ނުވަތަ ހޮސްޕިޓަލަކުން އިތުރު ހަރަދަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު އެ ކޯޕަރޭޝަނުން ހަމަޖައްސައިފިއެވެ. މި އިންތިޒާމު ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، އަންނަ ނޮވެމްބަރު މަހު ފުރާ އުމްރާ ގްރޫޕުން ފެށިގެންނެވެ.

މީގެކުރިން އިތުރު އަގަކާ ނުލައި މި ވެކްސިން ދިނުމުގެ ހިދުމަތް ދެމުން އައީ މާލެ ސިޓީގައި އެކަންޏެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު، މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުން އަދި އަތޮޅުތެރޭގައި ތިބި ފަރާތްތަކަށް އެމީހަކު ހުރި ސަރަހައްދަކާ އެންމެ ކައިރީގައިވާ، ވެކްސިން ލިބެންހުރި ސިއްހީ މަރުކަޒަކުން ނުވަތަ ހޮސްޕިޓަލަކުން މި ހިދުމަތް ލިބޭނެއެވެ.

ވެކްސިން ޖެހުމަށްޓަކައި އުމްރާވެރިން ޙައްޖު ކޯޕަރޭޝަންގެ "ފަހެލި" ޕޯޓަލް މެދުވެރިކޮށް "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ނަގަންޖެހެއެވެ. އެ ލިޔުން ސިއްހީ މަރުކަޒަށް ހުށަހެޅުމުން މިއަދުން ފެށިގެން އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން، އެ ލިޔުން ދެއްކުމުން ސްޓޭޓްފާމާގެ ބޭސްފިހާރަތަކުން އިތުރު އަގަކާ ނުލައި އިންފްލުއެންޒާ ވެކްސިންވެސް ލިބޭނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ޙައްޖާއި އުމްރާގެ އަޅުކަމަށް ފުރާ ފަރާތްތަކުން މަޖުބޫރު ވެކްސިންތަކުގެ ގޮތުގައި އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިން ފުރިހަމަކުރަންޖެހެއެވެ.

މިއަދު އޮންލައިން