އޯގަސްޓް މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރި އަނިޔާގެ 91 މައްސަލަ: އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
އޯގަސްޓް މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރި އަނިޔާގެ 91 މައްސަލަ: އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް!

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އެންމެ ނިސްބަތް ގިނައީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ކަމަށާއި، މިދިޔަ އޯގަސްޓް މަހުގެ ނިޔަލަށް އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 91 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިޖުތިމާއީ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހުށަހެޅުނު އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 32 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ޖިންސީ ހާނިއްކައިގެ 20 މައްސަލަ އަދި ޖިސްމާނީ ހާނިއްކައިގެ 13 މައްސަލަ ހިމެނެއެވެ. މީގެއިތުރުން، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ 4 މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުދިންނަށް ވެކްސިން ނުދިނުމާއި، ސިއްޙީ ފަރުވާއަށް ހުރަސްއެޅުމާއި، ކުދިން ސްކޫލަށް ނުފޮނުވުމުގެ އިތުރުން ތަޢުލީމު ހޯދައިދިނުމަށް ހުރަސްއެޅުމުގެ މައްސަލަތައް ހިމެނެއެވެ.

ޅައުމުރުގައި ކުދިންނަށް ލިބޭ މިފަދަ އަނިޔާތަކަކީ އެކުދިންގެ މުޅި ހަޔާތަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަންކަން ކަމަށްވާތީ، މިކަމަކީ މުޅި މުޖުތަމައު ގުޅިގެން ދާއިމީ ހައްލެއް ހޯދަންޖެހިފައިވާ ބޮޑު ކަންބޮޑުވުމެކެވެ.

މިފަދަ މައްސަލަތަކުން ކުދިން ރައްކާތެރިކޮށް، ކޮންމެ ކުއްޖަކީވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ލޯތްބާއެކު ބޮޑުވާ ކުއްޖަކަށް ހެދުމަށް ސަރުކާރުން ދަނީ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމަތުދެއްވަމުން އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒީނާޒް އަދުނާން ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދިނުމަށް "ޓެމްޕަރަރީ ފޮސްޓަރިން" ނިޒާމެއް އެކުލަވާލައި ލުއިގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ކުދިން ފޮސްޓަރ ކުރާ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުންނަ އާއިލާތަކަށް ކޮންމެ ކުއްޖަކަށް މަހަކު 5,000 ރުފިޔާގެ ޚާއްސަ އެލަވަންސެއް ދޭން ފަށާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޒީނާޒް ވިދާޅުވިގޮތުގައި މިހާރު ފޮސްޓަރ ކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، ކުދިން އާއިލާތަކާ ހަވާލުކުރުމަށްފަހުވެސް ދައުލަތުން އެކުދިންގެ ހާލަތު ސިލްސިލާކޮށް މޮނިޓަރ ކުރަމުންދާނެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައިވެސް ބައިވެރިވަމުންނެވެ. އެގޮތުން ދާދިފަހުން ރާއްޖެއިން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށާއި، މައްސަލަތަކަށް އަވަސް އިޖާބައެއް ދިނުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ "ބޮގޯޓާ ކޯލް ޓު އެކްޝަން" ޤަރާރުގައި ސޮއިކޮށްފައެވެ.

މިއަދު އޮންލައިން