ދައުލަތަށް ލިބުނު އާމްދަނީ 5.1 އިންސައްތަ އިތުރުވެ، ޖުމްލަ ހަރަދު 18.8 އިންސައްތަ މައްޗަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
ދައުލަތަށް ލިބުނު އާމްދަނީ 5.1 އިންސައްތަ އިތުރުވެ، ޖުމްލަ ހަރަދު 18.8 އިންސައްތަ މައްޗަށް!

މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ހަރަދުތައް ބޮޑުތަނުން އިތުރުވެފައިވާކަން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުން ހާމަވެއްޖެއެވެ.

ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 30.205 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 28.750 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.1 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، އެ މުއްދަތުގައި ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 33.562 ބިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރަށްވުރެ 18.8 އިންސައްތަ އިތުރުވެފައެވެ. އަދި ސެޕްޓެމްބަރު 24 ގެ ނިޔަލަށް ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 0.442 ބިލިއަން ރުފިޔާއެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން ޓެކްސް އާމްދަނީ 21.366 ބިލިއަން ރުފިޔާއިން 23.388 ބިލިއަން ރުފިޔާއަށް އުފުލި، 9.5 އިންސައްތައިގެ ކުރިއެރުމެއް ވަނީ ރެކޯޑުކުރެވިފައެވެ. މިގޮތުން ވިޔަފާރި އާއި މުދަލުގެ ޓެކްސްގެ ގޮތުގައި 5.778 ބިލިއަން ރުފިޔާ (21.4 އިންސައްތަ އިތުރުވުން)، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.484 ބިލިއަން ރުފިޔާ (13.1 އިންސައްތަ އިތުރުވުން)، އަދި ޖީއެސްޓީގެ ގޮތުގައި 4.051 ބިލިއަން ރުފިޔާ (10.8 އިންސައްތަ އިތުރުވުން) ވަނީ ލިބިފައެވެ.

މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.431 ބިލިއަން ރުފިޔާ ލިބި 8.8 އިންސައްތަ އިތުރުވި އިރު، ޓީޖީއެސްޓީގެ ގޮތުގައި 7.880 ބިލިއަން ރުފިޔާ (2.7 އިންސައްތަ އިތުރުވުން) އަދި ރިސޯޓް ކުލީގެ ގޮތުގައި 1.267 ބިލިއަން ރުފިޔާ (1.7 އިންސައްތަ އިތުރުވުން) ވަނީ ލިބިފައެވެ. އަދި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ދެގުނައަށްވުރެ އިތުރުވެ، 0.237 ބިލިއަން ރުފިޔާއިން 0.496 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ދައުލަތުގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނީ ރިކަރަންޓް ހަރަދުތަކަށެވެ. އެގޮތުން ރިކަރަންޓް ހަރަދަށް 28.897 ބިލިއަން ރުފިޔާ ހޭދަވެ، 18.8 އިންސައްތައިގެ އިތުރުވުމެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ކުރި ހަރަދު 4.148 ބިލިއަން ރުފިޔާއަށް އަރައި 77.1 އިންސައްތަ އިތުރުވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދަށް 18.123 ބިލިއަން ރުފިޔާ (24.3 އިންސައްތަ އިތުރުވުން)، އާސަންދައަށް 1.748 ބިލިއަން ރުފިޔާ (23.3 އިންސައްތަ އިތުރުވުން)، ކައުންސިލް ގްރާންޓަށް 1.884 ބިލިއަން ރުފިޔާ (16.6 އިންސައްތަ އިތުރުވުން)، އަދި މުސާރައާއި އިނާޔަތްތަކަށް 10.702 ބިލިއަން ރުފިޔާ (10.1 އިންސައްތަ އިތުރުވުން) ވަނީ ހޭދަވެފައެވެ.

އުމްރާނީ ތަރައްގީއާއި ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، ޖުމްލަ 4.666 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 18.7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ފާލަމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 57.3 އިންސައްތަ އަދި ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 35.2 އިންސައްތަ އިތުރުވުމެވެ.

މިއަދު އޮންލައިން