ރައީސްގެ މާލީ ބަޔާން ސިއްރުކުރި ކަމަށް ބުނާ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރައީސްގެ މާލީ ބަޔާން ސިއްރުކުރި ކަމަށް ބުނާ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ހިއްސާކުރުމަށް ރައީސް އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރި ޚަބަރު އެ އޮފީހުން ކަނޑައެޅިގެން ދޮގުކުރައްވައިފިއެވެ.

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، "އަދަދު" ނޫހުގައި "ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި" މި ސުރުޚީގެ ދަށުން ޝާޢިއުކޮށްފައިވަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު މަޢުލޫމާތުތަކެއް ކަމަށެވެ.

ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޢިއްޒުގެ "އެސެޓް ޑެކްލެރޭޝަން" ނުވަތަ މާލީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ކޮންމެ ބޭފުޅަކަށްވެސް ޕީޑީއެފް (PDF) ފޯމެޓްގައި ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އާންމުކުރެވިފައިވާ މަޢުލޫމާތެކެވެ. އަދި މި މަޢުލޫމާތު ވެބްސައިޓުގައި ލިބެން ހުންނާނެކަން މީގެ ކުރިންވެސް ރަސްމީކޮށް މީޑިއާތައް މެދުވެރިކޮށް އާންމުކޮށް އިޢުލާންކުރެވިފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.

ސަރުކާރުން އިތުރަށް ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރާ ގުޅުވައިގެން "އަދަދު" ނޫހުން ސިޔާސީ މަޤްޞަދެއްގައި މެދުނުކެނޑި ބޮޑެތި ދޮގުތައް ފަތުރަމުންދާ ކަމަށެވެ. ނަމަވެސް، މިފަދަ ކަންކަމުގައި ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.

މިއަދު އޮންލައިން