ޢިބްރަތްތެރި ވާހަކަ: ތިމާދެކެ ލޯބިވާ ތެދުވެރި ވަފާތެރި އަންތބަކަށް ބޭވަފާތެރިވުމުން ލިބޭ ދެރަ ބޮޑުވެފައި ޢުމުރަށްވެސް ހިތާމަކުރަންޖެހޭކަން ތަޖުރިބާކުރަންޖެހުނު ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ޢިބްރަތްތެރި ވާހަކަ: ތިމާދެކެ ލޯބިވާ ތެދުވެރި ވަފާތެރި އަންތބަކަށް ބޭވަފާތެރިވުމުން ލިބޭ ދެރަ ބޮޑުވެފައި ޢުމުރަށްވެސް ހިތާމަކުރަންޖެހޭކަން ތަޖުރިބާކުރަންޖެހުނު ފިރިއެއްގެ ވާހަކަ-

ތިރީގައިވާ ވާހަކައަކީ ކޮންމެ ދެމަފިރިއަކަށްވެސް އަގުހުރި ފިލާވަޅެކެވެ. ވާހަކައަކީ ހަމަ ޢާންމުކޮށް މެދުވެރިވާ ފަދަ ޙާދިސާއެއްގެ ވާހަކައެކެވެ. އަނބިމީހާގެ ކެތްތެރިކަމާއި ވަގުހިފަން ބޭނުންކުރި އުކުޅުތައް ފަދަ ކަންކަމަކީ ދަސްކުރަންޖެހޭ ފިލާވަޅުތަކެވެ. ވާހަކަ ޙިއްޞާކުރެއްވި ކިޔުންތެރިޔާގެ ކޮމެންޓަކީވެސް ހަމަ އެހައިމެ މުހިންމު ނަޞޭޙަތެކެވެ.  

އެއީ ވަރަށް އުފަލުގައި ދިރިއުޅެމުން އައި އަދި ދެމަފިރިންވެސް މަސައްކަތްކުރާތީ ފުދޭވަރެއްގެ ތަނަވަސްކަން ލިބިގެން ދިރިއުޅެމުން އައި ދެމަފިރިންނެވެ. 2 ދަރިންވެސް ވަނީ ލިބިފައެވެ. އެހެންކަމާއިއެކުގައިވެސް އެންމެ އުފަލުގައި އެކުގައި ލޯބިން ދިރިއުޅެންވީ ދުވަހު ފިރިމީހާ އިޚްތިޔާރުކުރީ އިތުރު ލޯބިވެރިން ހޯދައި އުފާކުރުމަށެވެ.  

އެގޮތުން ގުޅެވުނު އެއް އަންހެނަކު އޭނާއަށް ޝަރުޠުކުރީ ގުޅޭތާ 1 މަސްދުވަހުގެ ތެރޭގައި ކައިވެނިކުރުމަށެވެ. ނަމަވެސް 3 މަސްވީއިރުވެސް ކައިވެނިނުކުރުމުން އޭނާ މަސައްކަތްކުރަމުން ދިއައީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނެ ގޮތެއް ހޯދުމަށެވެ.

އަނބިމީހާ އެއްދުވަހު އޮފީހުން ގެއަށް އައިސް ކޮޓަރިއަށްވަދެ ބަލައިލިއިރު އެނދުކޮޅުގައި އަންހެނުންގެ ކަރުގައިއަޅާ ރަންފަށެއް އޮއްވާ ފެނުމުން އަނބިމީހާގެ ހިތުގައި ޝައްކުތައް އުފެދުނެވެ. އަދި ވިސްނާލުމުން ޝައްކުތައް ޔަޤީންކަމަށްވެސް ބަދަލުވިއެވެ.  

ފިރިމީހާ ގެއަށް އައުމުން ފަށް ދައްކާފައި ސުވާލުކުރުމުން ފިރިމީހާ ބުނީ އަންހެނަކު ކޮޓަރިއަށް ނުގެންނަ ކަމަށާއި ލޯބިވެރިއަކުވެސް ނުހުންނާނެ ކަމަށެވެ. ފިރިމީހާ އެއްބަސްނުވުމުން އަނބިމީހާ ފުލުހުންނަށް ގުޅާފައި ބުނީ ކޮންމެވެސް ގެއަކުން ވައްކަންކޮށްގެން ނަގާފައިވާ ނުވަތަ މަގުމަތިން އަންހެނެއްގެ އަތުން ފޭރިގެންފައިވާ ތަކެތި ކޮޓަރީގައި އެބަހުރިކަމަށާއި ޚާއްޞަ ޓީމެއް ފޮނުވައިދިނުމަށް އެދޭކަމަށެވެ.

އެއަޑުއިވުމާއިއެކު ވާން މިއުޅޭގޮތް ވިސްނި ފިރިމީހާ ފަށް އޮތްތަނުން ނަގަން މަސައްކަތްކުރުމުން އަނބިމީހާ އެކަން ހުއްޓުވިއެވެ. ފުލުހުން ނުއަންނަނީސް އަތްލައިގެން ނުވާނެ ކަމަށް ބުނުމުން އަނބިމީހާ އެބުނަނީ ކީކޭކަމާއި ޙަޤީޤަތް ފަޅާއަރާނެކަން އެނގުނެވެ. އެކަމަކުވެސް އަނބިމީހާއަށް ޖެހިލުންވާވަރުން ޙަޤީޤަތް ސިއްރުކުރަން މަސައްކަތްކުރިއެވެ.

ފުލުހުންނަށް ފަށްދައްކާފައި އެއިގެ ފިންގަރޕްރިންޓް ނަގައިދިނުމަށް އެދުނެވެ. ފަށަކީ ފުދާވަރަކަށް އަގުބޮޑު ފަށަކަށްވުމުން ފުލުހުން އެކަމަށް ސަމާލުކަންދީގެން އެކަންކުރިއެވެ. 3 ދުވަސްފަހުން ފުލުހުން އަނބިމީހާއަށް ގުޅާފައި ބުނީ ފިންގަރޕްރިންޓް ދެނެގަނެވިއްޖެ ކަމަށާއި ފިންގަރ ޕްރިންޓް ދެނެގަނެވުނީ ބާއްވާފައި އޮތްތަނުން ނެގި ފޮޓޯތަކުން ކަމަށެވެ.  

އެހިސާބުން ފިރިމީހާއަށް ޖެހުނީ ކުރި ކުށަށް އިޢްތިރާފްވާށެވެ. އިޢްތިރާފްވުމުން އަނބިމީހާ ބުންޏެވެ. "ދެން ރަނގަޅުވާނީ ދެމީހުން ވަކިވުމެވެ. އަންހެނަކު ކޮޓަރިއަށް ވެއްދުމަށްވުރެ ކަލޭ ދޮގުހަދައި އެކަން ސިއްރުކުރަން މަސައްކަތްކުރުން މާގޯހެވެ. ދެން އަހަރެންނަށް ޖެހޭނީ އަބަދު ޝައްކުގެ މަތީގައި ހުންނާށެވެ. އެއިރުން އަހަރެންނަށް ލޭމައްޗަށް ދިއުން ފަދަ ކަންކަން މެދުވެރިވާނެއެވެ. އެގޮތް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ދެން ދިރިއުޅެން ބޭނުމީ ކަލެއާއި ނުލައެވެ. ވީމާ 2 ދަރިން ގޮވައިގެން އަހަރެން މިދަނީއެވެ." 

އަނބިމީހާ ފިރިމީހާ އާއި ވަކިވެ ދުވަސްކޮޅެއްވީފަހުން ދެވަނަ ކައިވެންޏެއްކޮށް އުފާވެރި ދިރިއުޅުމެއް އުޅެންފެށިއެވެ. ފިރިމީހާ ވެސް އެ އަންހެންމީހާ އާއި ކައިވެނިކުރިއެވެ. ކައިވެނިކޮށް ފިރިމީހާ ލައްވައި އޭނާގެ ބޭންކް ލޯނު އަދާކުރުވިއެވެ. ލޯނު އަދާކުރެވުމާއިއެކު ފެށީ ޚިޔާނާތްތެރިވާށެވެ. ކައިވެންޏަށް 4 ވަނަ މަހު އޭނާގެ ޚިޔާނާތްތެރިކަން ފަޅާއެރުމުން ޖެހުނީ ވަރިކުރާށެވެ. އެހިސާބުން ފިރިމީހާއަށް އޭނާގެ ފުރަތަމަ އނބިމީހާއަށް ބޭވަފާތެރިވެވުނުކަން އެއީ ކުރެވުނު ކިހައި ބޮޑު ކުށެއްކަން ވިސްނުނެވެ. އަދި އޭނާގެ އުމުރު ދުއްވައިލީ އެކަމުގެ ހިތާމައިގައެވެ. 3. 4 ކައިވެނިކޮށްގެންވެސް އަނބިމީހާހައި ރަނގަޅު އަންތބަކު ނުލިބުނީތީއެވެ.  

މިއީ ލަންޑަންގައި ހިނގައިދިއަ ކަމެކެވެ. މިވާހަކަ އަޅުގަނޑު ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވި އެއް ސަބަބަކީ ކޮންމެ އަންތބަކީ ދެވަނަ ފުދިގެން އިންނާނެ އަންހެނެއް ނޫންކަމާއި ދެވަނަ ފުރުޞަތުދޭނެ އަންހެނެއް ނޫންކަން ބުނުމެވެ. ވީމާ ހެޔޮލަފާ އަންތބަކު ލިބިއްޖެ ނަމަ އެކަމަށް ޝުކުރުވެރިވެ އެކުގައި ލޯބިން ދިރިއުޅެން މަސައްކަތްކުރަން ހިތްވަރުދިނުމެވެ. ގެދޮރާއި ތަނަވަސްކަން ހުރިނަމަ ކައިވެނިކުރާނެ އަންހެނުން ލިބިދާނެއެވެ. ނަމަވެސް ތެދުވެރިން މިހައި މަދު ޒަމާނެއްގައި ތެދުވެރިއަކު ލިބުމުން އެކަމުގެ އަގުވަޒަން ނުކުރާނަމަ ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ ކަމަށް ބުނެލުމެވެ.

 

- ނީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން