އޭނާ ކޮލެޖުން ކެނޑުނީ ބައްޕަ ނިޔާވުމުން ބަލިޙާލުގައި އޮތް މަންމައަށް ބޭސްފަރުވާކުރެވޭނެ ގޮތެއް ނެތިގެންނެވެ. ބައްދަލުވި މީހަކު އޭނާއަށް ވަޒީފާއެއް ހޯދައިދިނެވެ. އެއީ ތަނަވަސް މީހެއްގެ ގޭގައި ނޯކިރީކުރުމެވެ.
އެގޭގައި އުޅެނީ މަންމައާއި އޭނާގެ ފިރިހެން ދަރިފުޅެވެ. އެއީ ތަނަވަސް ބައެކެވެ. ބައްޕަ ނިޔާވުމުން ކުރި ވަޞިއްޔަތުގައި އޮތީ ބައްޕަގެ މުދައު ދަރިފުޅަށް ވާރުތަވާނީ މަންމަ ރުހޭ އަންހެނަކާއި ކައިވެނިކުރުމުން ކަމަށެވެ.
އެހެންވެ ޒުވާނާއަސް ޖެހެނީ އޭނާ މީހަކު ދެކެ ލޯބިވެއްޖެނަމަ ގެއަށް ގެނެސް ގޭގައި ގެންގުޅެ މަންމަގެ ރުހުން ހޯދާށެވެ. ގެނެވޭ އެއްވެސް އަންހެނަކަށް މަންމަގެ ރުހުމެއް ނުލިބެއެވެ. އެއީ އެމީހުންގެ ކަންކަން ހުންނަ ގޮތުން ގެވެހި އަންތބަކަށް ކުފޫހަމަވާކަމަށް މަންމައަށް ޤަބޫލުނުކުރެވޭތީއެވެ.
ގޭގައި އުޅޭތާ އަހަރެއްހައިދުވަސްވީއިރު އެތައް އަންހެނުންނެއް ވަނީ އިމްތިޙާނުން ފޭލްވެފައެވެ. ހުރިހާ ކަމެއް ހިނގަމުން އަންނަނީ އޭނާގެ ކުރިމަތީގައެވެ. ހިނގަމުން އަންނަ އެއްވެސް ކަމަކާއި އޭނާ ނުބެހެއެވެ. އޭނާގެ ވަޒީފާއަކީ ގޭގެ މަސައްކަތްކުރުން ކަމަށްވާތީ އެހެން ކަމަކަށް އޭނާ ނުބެހެނީއެވެ.
އެއްރެއެކެވެ. ކައިނިމިގެން ސިޓިންރޫމްގައި އިނދެފައި ޒުވާނާ އޭނާއަށް ގޮވާލުމުން ކައިރިއަށް ދިއުމުން ބުންޏެވެ. "އަހުރެން ތިބާއަށް މިގޮވީ އައު ހުށަހެޅުމެއް ހުށަހަޅާށެވެ. އެއީ އަހުރެންނާއި ކައިވެނިކުރުމެވެ." އަންހެންކުއްޖާގެ ޖަވާބަކަށް ފުރަތަމަ ބަޔާންކުރީ އޭނާގެ ހުރި ނިކަމެތިކަމެވެ. ދެން ބުނީ ފުރަތަމަ ކަމަކަށްވެސް ޒުވާނާގެ މަންމަގެ ރުހުން ބޭނުންވާނެ ވާހަކައެވެ. އެއީ ކައިވެނިނުކޮށް ލޯބިވެގެން އުޅެން ބޭނުންނުވާތީއެވެ.
ޒުވާނާ މަންމައަށް ގޮވައި ގެނެސް އޭނާ އެދޭ ކަންތަކުގެ ވާހަކަ ބުނެނިމުނުއިރު މަންމަ ހުރީ އުފަލުން ފުރިފައެވެ. ހެވިދިލި އަނގައިގެ ހުރިހާ ދަތްތައް ދައްކައިގެންނެވެ. ބުންޏެވެ. "ދަރިފުޅާއެވެ! ތިއައީ މަންމަ މާކުރިންވެސް ބޭނުންވެގެން ހުރި ގޮތެވެ. ދަރިފުޅު ލޯބިވެގެން ގެނައި އެއްވެސް އަންހެނަކު މަންމަދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. އަޅައިވެސް ނުލައެވެ. ނަމަވެސް މަންމައަށް މިޙާލުގައިވެސް މިއުޅެވެނީ ތިއަ މަންޖެ މަންމައަށް ކޮސްދޭ ޚިދުމަތުންނެވެ. އެއީ އޭނާގެ ވަޒީފާގަ ކުރަންޖެހޭ މަސައްކަތަކަށް ނުވާއިރުވެސް މަންމައަށް ޚިދުމަތް އެކުރަނީ އަމިއްލަ މަންމައަށް ޚިދުމަތްކުރާ ފަދައިންނެވެ. އެކަމުންނާ ގޭގައި އޭނާއެކަނި އެކުރާ މަސައްކަތުން އެނގެނީ އެމަންޖެއަކީ ދަރިފުޅަށް ވަފާތެރި، ގެވެހި އަންތބަކަށްވާނެ މަންޖެއެއް ކަމެވެ. ވީމާ ތިއަ ކައިވެނި އަވަސްކުރާށެވެ. އެކަމަކު ޝަރުޠއް ކުރާނަމެވެ. ތިއަ މަންޖެއަށް މަންމަ ނެތް ދުވަހަކުވެސް ދެރައެއް ދީފިނަމަ މަންމަގެ ރުހުން ގެއްލުނީއެވެ. މަންމަގެ ރުހުމާ ލައިގެން ދަރިފުޅަށް ވާރުތަވާ ބައްޕަގެ މުދައު އެހިސާބުން ދަރިފުޅަށް ޙަލާލެއް ނުވާނެއެވެ. ކައިވެނިކުރަންވާނީ މި ޝަރުޠު ޤަބޫލުކޮށްގެންނެވެ"
ދަރިފުޅު ނިންމީ މަންމަގެ ޝަރުޠު ޤަބޫލުކޮށްގެންވެސް ކައިވެނިކުރާށެވެ. 3 ވަަނ ރޭ ކައިވެނިކުރެވުނެވެ. މަންމައަށްޓަކާ ނޯކިރީކުރަން ނުކުތް ދަރިފުޅަށް ތަނަވަސް ފިރިއެއް ލިބުނީއެވެ. ފިރިމީހާ ބޭނުންވިޔަސް ފަސޭހައިން ދޫކޮށްލެވެންވެސް ނެތް ފަދަ ގޮތަކަށެވެ. ކޮންފަދަ ބޮޑު އުފަލެއް ހެއްޔެވެ؟
މިޙާދިސާއަށް ބަލައިވެސް ބުނަން އޮތީ މައިންނަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވެސް ވާށެވެ! އެކަމަށް ޙައްޤު ބަދަލު ދުނިޔޭގައިވެސް ލިބޭނެއެވެ.
- ސާމިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް